ރާއްޖެ ކުޅިވަރު

ރިޔޫނިއަންގެ އިންތިޒާމްތައް ގޯސްވެ، ދިވެހި ޓީމަށް ނުތަނަވަސްކަން

Jul 31, 2015

ރިޔޫނިއަންގައި މިއަދު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އެ ގައުމަށް ދިއުމަށްފަހު ގޭމްސްގެ އިންތިޒާމްތައް ހުރިގޮތުން ދިވެހި ޓީމުތަކުން ހިތްހަމަނުޖެހިއްޖެ އެވެ.

މިއަދުން ފެށިގެން އޮގަސްޓް ނުވަޔަކަށް ކުރިއަށްދާ ގޭމްސްގައި ރާއްޖެއިން 10 ކުޅިވަރަކުން 12 ޓީމު ވާދަކުރެ އެވެ. މި ޓީމުތައް އެ ގައުމަށް ގޮސް އިންތިޒާމްތަކާމެދު ހިތްނުޖެހިފައިމިވަނީ ގޭމްސްގެ އިންތިޒާމްތައް ހުރިނެތްގޮތް ބެލުމަށް އޮލިމްޕިކް ކޮމިޓީން އެ ގައުމަށް ފޮނުވި އެޑްވާންސް ޓީމުން އިންތިޒާމްތައް ރަނގަޅުކަމަށް ބުނެފައިވަނިކޮށެވެ.

ނަމަވެސް ގޭމްސް ކަވަރުކުރަން އިއްޔެ ރިޔޫނިއަން އަށް ދިޔަ ޕީއެސްއެމްގެ ޓީމުން ބުނެފައިވަނީ މެގަ މޯލްޑިވްސް ޗާޓަރު ފްލައިޓެއްގައި ހަތަރުގަޑިއިރާއި ބައިން ދިވެހި ވަފުދު ރިޔޫނިއަން އަށް ދިޔައިރު އިންތިޒާމްތައް ހަމަޖެހިފައި ނެތުމުން އެއާޕޯޓް ބޭރުގައި އެތައްއިރަކު މަޑުކުރަން ޖެހުނު ކަމަށެވެ.

ދިވެހި ޓީމުތައް ތިބޭ ވިލެޖުން އިރުއިރުކޮޅާ ކަރަންޓް ދާ މައްސަލަ ވެސް މީޑިޔާ ޓީމުން ފާހަގަކޮށްފައި އެވެ. މީގެ އިތުރުން  މިއަދު ހަވީރު އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމު މުބާރާތުގެ ފުރަތަމަ މެޗު ކުޅެން ޖެހޭއިރު އެ ދެ ޓީމަށް ވަނީ ޕްރެކްޓިސް ކުރެވޭނެގޮތެއް ވެސް ނެތި ތިބެންޖެހިފަ އެވެ.

ފިރިހެން ޓީމަށް ޕްރެކްޓިސް ކުރެވޭނެ އެއްވެސް ގޮތެއްނެތްކަން އެނގުނީ ބޫޓަށް އަރައި ކުޅުންތެރިން ތައްޔާރުވިފަހުންނެވެ. އަދި އަންހެން ޓީމަށް ވެސް އެފުރުސަތު ނެތުމުން ވިލެޖްވަށައި ދުވެ، ވޯމްއަޕް ސެޝަނެއް ބޭއްވުމަށްފަހު ވަނީ ނިންމާލައިފަ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި ފިރިހެން އަދި އަންހެން ޓީމު ވެސް މިއަދު ބައްދަލުކުރާނީ މަޔޯއްޓޭއާ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓް މިދިޔައީ ހުރިހާ ޓީމުތަކުން ވެސް ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއްވަންދެން ތަމްރީނު ހެދުމަށްފަހު "އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން،" ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެ އެވެ. އަދި 16 މިލިއަން ރުފިޔާ ގޭމްސް އަށް ހަރަދުކޮށްފައިވާއިރު މި ފަހަރު 9 އާއި 15 މެޑަލާ ދެމެދުގެ އަދަދަކަށް ހޯދުމަށް ރާއްޖެއިން އުއްމީދުކުރެ އެވެ.

ނަމަވެސް ޓީމަށް އަލްވަދާއު ކިޔަމުން ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވަނީ ދިވެހި ޓީމުތަކުން 15 އާއި 20އާ ދެމަދުގެ އަދަދަކަށް މެޑަލް ހޯދުމަށް އުއްމީދު ކުރުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން ކުޅުންތެރިން އެދުނު ކަންތައްތައް ސަރުކާރުން ފުރިހަމަކޮށްދީފައިވާނެ ކަމަށާއި މިހެންވެ މިނިވަން50ގެ އަހަރު މި ގޭމްސްއިން ވެސް ދިވެހިން ބޭނުންވަނީ އުފާވެރިކަން ކަމަށް ރައީސް ވަނީ ވިދާޅުފަ އެވެ.

"ކުޅިވަރު ކުޅޭނީ މޮޅުވާން. ތަޖުރިބާ ހޯދަން ނުވަތަ އެކްސްޕީރިއަންސް ކުރާނީ ގޭމްސްގައެއް ނޫން. އެކްސްޕީރިއަންސް ކުރާނަމަ އެކަން ކުރާނީ ތަމްރީނު ކޭމްޕްތަކުގައި. މީގެ ކުރިން އަޅުގަނޑަށް ފެނިފަ އެބަހުރި ފަސް ސެޓް ކުޅޭއިރުގައި އަޅުގަނޑުމެންނަށް ދެ ސެޓް ލިބިފަ އޮންނައިރު ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓް އަދި ފަސް ވަނަ ސެޓް ގެއްލިގެންދާތަން. މިއީކީ ގަބޫލު ކުރެވޭނެ ކަމެއްނޫން. އެކުޅިވަރެއްގައި އަޅުގަނޑުމެން މޮޅުނަމަ ކާމިޔާބު ލިބެންވާނެ. އިންޑިއަން އޯޝަން [އައިލެންޑް] ގޭމްސް އަށް ތައްޔާރުވިއިރު ވަރަށް އުފާވެރި މާހައުލެއްގެ ތެރެއިން ރޯދަ މަހު އަޅުގަނޑާ ވެސް ދިމާވި ހުރިހާ ކުޅުންތެރިންނާހެން. ކުޅުންތެރިންނަށް ހުރި ދަތިތަކުގެ ވާހަކަ އަޅުގަނޑުމެންނާ ހަމައަށް އައި. ދެ ދުވަސްތެރޭގައި އެކަންކަން ރަނގަޅުކޮށްފައި ކޮށްދީފައި ހުންނާނީ. އެހެންވީމަ ތަކުރާރުކޮށް މި ބުނަނީ މި ފަހަރު މޮޅުވާންޖެހޭނެ. ކުޅިވަރު ކުޅޭނީ މޮޅުވާން. ދަނޑުގެ ހަވާސާގައި ތިބެލާކަށްނޫން،" ކާމިޔާބޫ ހޯދައިފިނަމަ އިނާމް ދެއްވާނެ ކަން އިއުލާނުކުރައްވަމުން ރައީސް ވިދާޅުވި އެވެ." ރައީސް ވިދާޅުވި އެވެ.