ރިޔޫނިއަންގައި އެންމެ ޕްރެކްޓިހެއް ވެސް ނުކޮށް ރާއްޖޭގެ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުރަތަމަ މެޗަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
މަޔޯއްޓޭއާ ދެކޮޅަށް މިއަދު ހަވީރު ރާއްޖޭގެ ދެ ޓީމު ވެސް ކުޅޭއިރު އިއްޔެ އެ ގައުމަށް ދިޔަ ޓީމުތަކަށް ޕްރެކްޓިސް ނުކުރެވުނީ އެ އިންތިޒާމް ހަމަޖެހިފައިނެތުމުންނެވެ.
ގައުމީ ފިރިހެން ޓީމަށް ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތްކަން އެނގުނީ ކުޅުންތެރިން ބޫޓަށް އަރައ ތައްޔާރުވިފަހުންނެވެ. އަންހެން ޓީމުން ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތުމުން ކުރިކަމަކީ ވިލެޖްވަށައި ބުރެއް ޖެހުމެވެ.
ފުޓްބޯޅަ ޓީމުތަކަށް މި ގޮތްދިމާއިވިއިރު ގޭމްސްގެ އިންތިޒާމްތައް ވެސް ގޯސްކަމަށް ރިޔޫނިއަން އަށް ދިޔަ ރާއްޖޭގެ މީޑިޔާތަކުން މައުލޫމާތުދެ އެވެ. އެންމެ ފުރަތަކަމަކަށް އެއާޕޯޓް ބޭރުގައި ކުޅުންތެރިންނާއި އޮފިޝަލުން ގިނައިރުތަކެއްވަންދެން ތިބެން ޖެހުނެވެ. އަދި ޓީމުތައް ތިބޭ ވިލެޖްތަކުން އިރުއިރުކޮޅާ ކަރަންޓް ކެނޑޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މި ގޭމްސްގެ ކަންކަން ހުރިނެތްގޮތް ބަލައި ކަންތައްތައް އިންތިޒާމް ކުރުމަށް އޮލިމްޕިކް ކޮމިޓީން އެޑްވާންސް ޓީމެއްގެ ގޮތުގައި ރިޔޫނިއަން އަށް ފަސް މީހުންގެ ޓީމެއް ވެސް ފޮނުވި އެވެ. އެ ޓީމުން މައުލޫމާތުދީފައިވަނީ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށެވެ.