ބޮލީވުޑް

ސްރީދޭވީގެ ހަޔާތުގެ މައްޗަށް ފޮތެއް ނެރެނީ

މީގެ އަހަރެއް ކުރިން ކުއްލިގޮތަކަށް މަރުވި އިންޑިއާގެ ސުޕަސްޓާ ސްރީދޭވީގެ ހަޔާތުގެ މައްޗަށް "ސްރީދޭވީ: ގާލް ވުމަން ސުޕަސްޓާ" ގެ ނަމުގައި ފޮތެއް ނެރެން ނިންމައި ފޮތުގެ ކަވަރު ލޯންޗުކޮށްފި އެވެ.

ވިދްޔާ ބާލަން ކުރި ޕޯސްޓު --

ސްރީދޭވީގެ 56 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ފޮތުގެ ކަވަރު ލޯންޗުކޮށްދިނީ ބަތަލާ ވިދްޔާ ބާލަން އެވެ. ކަވަރު ލޯންޗުކޮށް ވިދްޔާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ކަވަރުގެ ފޮޓޯ އެއްވެސް ހިއްސާ ކޮށްފަ އެވެ.

ސްރީދޭވީގެ ނަމުގައި ލޯންޗުކުރި މި ފޮތް ލިޔަނީ ޕެންގުއިން ޕަބްލިޝާސް އާ ގުޅިގެން ސަތިއާތު ނައިކްއެވެ. މި ފޮތުގައި ލިޔާނީ ސްރީދޭވީގެ ކެރިއާގެ ވާހަކަ ކަމަށް ލިޔުންތެރިޔާ ބުނެ އެވެ. އޭނާ އެންމެ ކުޑައިރު ފިލްމު ކުޅެން ފެށިގެން ގޮސް ސުޕަސްޓާ އަކަށް ވުމަށް ކުރި ދަތުރު ކިޔައިދޭނެ ކަމަށާއި ހިންދީ ސިނަމާ އާއި އިންޑިއާގެ އެހެން ބަހުރުވަތަކުން ކުޅުނު ފިލްމުތަކާ ބެހޭ ގިނަ ވާހަކަތައް ވެސް ފޮތުގައި ހުންނާނެ ކަމަށް ބުނެ އެވެ.

މީގެ އިތުރުން، ސިނަމާއިން ބޭރުން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާޙަކަތައްވެސް ގެނެސްދޭނެ ނިންމާފައިވާ ކަމަށް ލިޔުންތެރިޔާ ދިން އިންޓަވިއުތަކުގައި ބުނެ އެވެ.

މި ފޮތް ނެރެނީ، ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރުގެ ހުއްދަ އާއެކު ކަމަށްވެސް ބޮލީވުޑް ހަބަރުތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

މިދިޔަ އަހަރު ފެބްރުއަރީ 24 ގައި ކުއްލި ގޮތަކަށް މަރުވި ސްރީދޭވީ އަކީ ބޮލީވުޑްގައި މަޝްހޫރު ބަތަލާ އެކެވެ. އޭނާ ވަނީ ހިންދީގެ އިތުރުން، ތަމަޅަ މަލަޔާޅަމް ބަހުރުވައިން 300 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ.

ސްރީދޭވީގެ ހަޔާތުގެ މައްޗަށް ހަދާ މި ފޮތް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.