ވާހަކަ

ބިއުޓިފުލް ސްޓްރޭންޖާ

Aug 17, 2019
6

އިރުވައި މޫސުމުގެ ރީތި ދުވަހެކެވެ. މީހުންގެ ހޭލަމޭލަވުމަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވަނީ ދުވަހުގެ ނިމުމާއި ދާދިގާތް ވެފައިވާތީތާއެވެ. އަހަރެންވެސް ދުވަހުގެ ބޮޑުބައި ބުރަކޮށް އުޅުމަށްފަހު މަޑުކޮށްލައިގެން ހުރީ ރަށުގެ ހުޅަނގު ފަރާތު ބަނދަރު ސަރަހައްދުގައެވެ. އަހަރެންގެ ދަބަހުން އެންމެ ހިނދުކޮޅަކަށްވެސް ދުލެއް ނުކުރަމެވެ. ގެއްލިދާނެއެވެ. ފުރާގަޑި ކައިރިވަނީއެވެ. އިރުއިރުކޮޅުން އަހަރެން ލައިގެންހުރި ޖީންސް ނަގާ އުނަގަނޑަށް ހެޔޮވަރުކޮށްލަމެވެ. ހަނދާންނެތި ކަމަރު ނުލާ އާދެވެނީއެވެ. މި ލިސްޓްގެ ފުރަތަމަ ނަންބަރަކީ ކަމަރެވެ. މައްސަލައެއް ނެތެވެ.

ރައްޓެހިންނާއި ސަލާން ގަލާންކޮށް ބޯޓަށް ފުންމާލީމެވެ. އެކުވެރިންނާއި ދިމާއަށް އަތުން ހަނާއަޅާލީމެވެ. އަދި ބޯޓުގެ ތެރެއަށްވަދެ އަހަރެންނަށް ހާއްސަ ކުރެވިފައިވާ "ގޮޅި" ހޯދަންފެށިމެވެ. މީހުންގެ ހެލިފެލިވުން ބޯޓުގެ ތެރޭގައި ހުއްޓެވެ. ޒުވާން އަންހެން އަޑެއް އަހަރެން ހޯދަމުން މިދާ ޖާގަ ދައްކާލިއެވެ. އެޒުވާނާގެ ކައިރިންނެވެ. ހީލާފައި އަހަރެންގެ ދަބަސް ބޭއްވުމަށްފަހު ޝުކުރުވެރިވުމުގެ ގޮތުން އޭނާއަށް ބޮލުން އިޝާރާތްކޮށްލުމަށްފަހު ބެލްކަންޏަށް ނުކުތީ އުޑުމަތީގައި ހުރި ނަލަނަލަ ކުލަތައް އަހަރެންގެ ކެމެރާއަށް ނެގުމަށެވެ.

އިރުއޮއްސި އަނދިރިވީ އިރު އަހަރެން ހުރީ ވަރަށް ވަރުބަލިވެފައެވެ. އަހަރެންނަށް ހާއްސަ ކުރެވިފައިވާ "މާލަމަށް" ދިޔައީ މާބޮޑު ވިސްނުމެއް ނެތިއެވެ. ޒުވާން އަންހެނާ އަހަރެންނަށް ބަލާލުމަށްފަހު ހީލިއެވެ. އަހަރެންވެސް ޖަވާބުދިނީ ހީލުމަކުންނެވެ. އަދި ކިހިނެތްތޯ އަހާލީމެވެ. ހިތުގައި ސުވާލުތަކެއް ނެތެވެ. އެހެންނަމަވެސް އަހާލީއެވެ. މެހެމާނަކަށް ވެވިފައިހުރިކަމުގެ އިހުސާސް ކުރެވުނީތީއެވެ. އޭނާ ޖަވާބުދިނީ ހީލުމަކުންނެވެ. އޭނާ އަޅާނުލާތީ އަހަރެންވެސް އަޅައެއް ނުލަމެވެ.

ރޭގަނޑު އަށްގަނޑި ބައިހާ އިރު، އަހަރެން ކުރާނެ އިތުރު ކަމެއް ނެތުމުން ފާހާނާކޮށްލުމަށްފަހު ނިދާލުމަށް ނިންމީ ހިތްހަމަޖެހުމުގެ ނޭވާއާއި އެކުއެވެ. އެކަމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ މަރީ އާއި ބައްދަލުވާކަމުގެ ފޮނިފޮނި އިހްސާސްވާތީއެވެ. މަރީގެ ހަނދާންތައް އަހަރެންގެ ހިތުގައި އަބަދުވެސް ހުރެއެވެ. އުފާވެރި ހަނދާންތަކެވެ. މިއީ ލޯބި ހެއްޔެވެ؟ އެއީ އަހަރެންގެ ރައްޓެއްސެކެވެ. އެހެން ނަމަވެސް މަރީއަކީ އަހަރެންގެ ފުރަތަމަ ކްރަޝްއެވެ. އަހަރެންގެ ރައްޓެހިން ބުނެއެވެ. އަހަރެން އަހަރެންގެ ކްރަޝްއާއި ލޯބީގެ ގޮތުން ގުޅޭނެއެވެ. އެހެންނަމަވެސް އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. މަރީއަކީ އަހަރެންގެ "ރައްޓެއްސެކެވެ". ފްރެންޑް ޒޯން ވީ ތޯއެވެ. މިހާރު މާ ވާހަކަ ދިގުވީ ދޯއެވެ. ކޮންމެއަކަސް ނިދޭތޯ އުޅެމާ ހިނގާށެވެ.

ބޯޓުގެ އޭސީ ޖައްސާފައި ހުރިކަން ހިތަށް ގެނެވުނީ ދެނެވެ. އަހަރެންނަކީ ފިންޏަށް އެހާ ގަދަ މީހެއް ނޫނެވެ. ގައިމަތީ އަޅާ ރަޖާ ހޯދާލީމެވެ. "އޯހް މޭން." ލިސްޓްގެ ދެވަނަ ލިބުނީ ރަޖައަށެވެ. މި ލިސްޓް ކިހާ ދިގުވާނެ ހެއްޔެވެ.؟

ކެތްކުރިމީހާ އޭ ފުޅަށް ބުޑުގައި އޮވެ މަރުވީ ހިތަށްއަރާ އޮތީމެވެ. އެހެންނޫނަސް މިކަމަށް ކެތްކުރެވޭނެފަދަ އަހަރެންގެ ގައިގާ ހުންނަން ޖެހޭނެއެވެ. މީހުންގެ ހެލިފެލިވުން މަޑުވެފައިވާތީ އަހަރެން ދެކުނީމެވެ. އެއީ އެމީހަކަށް ހާއްސަ ކުރެވިފައިވާ ޖާގަތަކުގައެވެ. ހާދަހާ ބަސްއަހާ ބައެކެވެ. ވަކި ވަކިން ފަހަރަކު މީހަކަށް ބަލާލީމެވެ. އެއްބައި މީހުން ފޯނުގެ ބޭނުން ކުރަނީއެވެ. އަނެއްބަޔަކު ލެޕްޓޮޕްތަކުން ފިލްމްތަކާއި ސީރީޒްތައް ބަލަނީއެވެ. އަނެއްބަޔަކު ގަދަނިދީގައެވެ.
ކައިރީގައި އޮތް ޒުވާނާ އޮތީ އަހަރެންނަށް ފުރަގަސްދީގެންނެވެ. އެސަބަބާއި ހުރެމެ އެހާ ބޮޑަށް ސަމާލުކަން ނުދެމެވެ. އޭނާ އޮތީ ނިދާފައިތޯ ނުވަތަ ނޫންތޯވެސް އަހަރެން ނުބަލަމެވެ. ގިނަ އިރުތަކެއް ނުވެ، އެޒުވާނާ ތެދުވެ، ފަހާނާއަށް ދިޔައެވެ. ފާހާނާކޮށް ނިންމާލުމަށްފަހު އައިސް އަނެއްކާވެސް އޮށޯތެވެ. މިފަހަރު އަހަރެންނަށް ކުރިމަތި ލައިގެންނެވެ.
އަހަރެން އޭނާގެ މޫނަށް ވަރަށް ފުންކޮށް ބަލާލީމެވެ. ރީތި މޫނެކެވެ. އެހާ ދޮނެއް ނޫނެވެ. ކަޅެއްވެސް ނޫނެވެ. މަތީ ތުންފަތުގެ އަރިމަތީގައި އެއިނީ ކަޅުތިލައެކެވެ. ވަރަށް ކަމުގޮއްސިއެވެ. އަހަރެން އޭނާއަށް ހީލީމެވެ. އޭނާވެސް ރަކި ހިނިތުންވުމެއް އަހަރެންނަށް ދިނެވެ. އަންހެން ކުދިންނަށް ތައުރީފުކޮށްފައި ހުންނަ ހުރިހާ ޅެމާއި ރައިވަރާއި ލަވަތައް އަހަރެންގެ ސިކުނޑިއަށް އައިކަހަލައެވެ. ހިތާހިތުން ކިޔާލެވުނެވެ. "ސާދާ ލޮލާ ދެތުންފަތާ ފެނުނަސް މިހިތްފުރޭ". އޭނާގެ އަރިހުން ނަން އަހާލީމެވެ. ޖަވާބެއް ނުދިނެވެ. އަނެއްކާވެސް އަހާލީމެވެ. ދެންވެސް ޖަވާބެއް ނުދިނެވެ.

އަހަރެން ފިނިވެފައިވާ ކަމުގެ އިހްސާސް އޭނާއަށް ވިއެވެ. އޭނާ އަހަރެންނަށް އޭނާގެ ރަޖާއިން އެއްބައި ދިނެވެ. އަނެއްކާވެސް ނަން އަހާލީމެވެ. ޖަވާބެއް ނުދިނެވެ. އެސުވާލު ނުކުރަން ނިންމީމެވެ. ކޮންރަށެއްތޯ އަހާލީމެވެ. ދެކުނު ރަށެއްގެ ނަންބުނެލިއެވެ. އުތުރުގައި ކުރަނީ ކިއްތޯ އަހާލީމެވެ. އަހަރެންގެ ސުވާލުތަކަށް އޭނާ ޖަވާބުދެމުން ގެންދިޔައީ ޝައުގުވެރިކަމާއި އެކުއެވެ. އޭނާ ސުވާލެއް ނުކުރެއެވެ.

ދެމީހުން ކައިރިވަމުންދާކަމުގެ އިހްސާސް ކުރެވެއެވެ. އެހެންނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އޭނާގެވެސް ފަރުވާލެއް ނެތެވެ. ކައިރިވަނީ ކީއްވެ ކަމެއް ނޭނގެއެވެ. ބޯޓްގެ ތެރޭގައި ހުރީ ފަނޑުއައްޔެކެވެ. އެހެންކަމުން އަހަރެމެން ދެމީހުން އެހެންމީހަކަށް ފެންނާނެ އެކޭ ބުނެވޭކަށް ނެތެވެ. އަހަރެންނަށް އޭނާގެ ނޭވާ އިހްސާސްވާހައި ކައިރިއަށް ޖެހުނީ ކިހިނެތްކަމެއް، ކޮންއިރަކު ކަމެއް ނޭނގެއެވެ. އަހަރެންނަށް އޭނާ ކަމުދާންފެށީ ކިހިނެތްކަމެއްވެސް ނޭނގެއެވެ. ސުވާލުތަކެއްގެ ތެރޭގައި އަހަރެން އޮވެ، އަނެއްކާވެސް ނަންއަހާލީމެވެ. ނަން ނުބުނަން ނަދުރެއް ބުނެ އޮތީބާއެވެ؟

އިންސްޓަގްރާމް ޕްރޮފައިލް ދައްކާލިއެވެ. އަހަރެން މަސައްކަތް ކުރީ އޭނާގެ ނަން އެނގޭތޯއެވެ. ނަމަވެސް އޭނާގެ ފޯނުފޮރުވިއެވެ. އަދި މަޑުމަޑުން އަހަރެންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހަލުވާލިއެވެ. އަހަރެން އޮތީ ބުނާނެއެއްޗެއް ނޭނގިފައެވެ. މިހަރަކާތްތަށް ހިނގަމުން ދިޔައީ ލަހުންނެވެ. އެހެންނަމަވެސް އެއްވެސް މީހަކާއިއެކު ނަމަ ބުނެވޭނީ މިހާ އަވަހަށް ވީ ކަމެއްވެސް ނެތްކަމަށެވެ.

އަހަރެންނަށް ހޭލެވުނީ ފަތިހުއެވެ. ނިދުނީ ކިހިނެތްކަމެއް، ކޮންއިރަކު ކަމެއް ނޭނގެއެވެ. އަހަރެން ރަނގަޅަށް ހޭލައި، ބަލާލައިލީ އޭނާ ކޮބައިތޯއެވެ. އެހަރަކާތްތަށް އަހަރެންނަށް ކުރެވުނީ ފަޅި ސިކުންތެއްހާ އަވަސްކޮށެވެ. އޭނާ އޮތީ އަހަރެންގެ މޭމަތީ ނިދާލާފައެވެ. ވާހަކަތަކުގައި މިހެން ލިޔެފައި ހުންނާތީ ދެކެމެވެ. އިހުސާސް މިކުރެވުނީ އަލަށެވެ. އަހަރެންނަށް އޭނާގެ ރީތި ތުންފަތަށް އަދި އެތުންފަތްކައިރީ ވާ ކަޅުތިލައަށް ބެލުނީ ކިހާއިރެއްވަންދެންކަމެއް ނޭނގެއެވެ.
ފަތިސް ވަގުތު ކަމުން، މީހުންގެ ހޭލަމޭލަވުން ގިނަވާންފެށިއެވެ. ގިނަ މީހުން ހޭލައިފިއެވެ. މީހުންގެ ވާހަކައިގެ އަޑުވެސް ގަދަވާން ފަށައިފިއެވެ. އޭނާވެސް މަޑުމަޑުން ލޯހުޅުވާލިއެވެ. އަދި އަހަރެންނާއި ދިމާއަށް ބަލާލައި، ލަދުރަކި ގޮތަކަށް ހީލިއެވެ. މަޑުމަޑުން ތެދުވެ، ފާހާނާއަށް ދިޔައެވެ. ޖެހިގެންހުރި ފާހާނާއަށް ވަދެ ފާހާނާ ކޮށްލައިގެން ނުކުމެ، އޭނާ އަންނަންދެން މަޑު ކުރީމެވެ. ދެންއޭނާ ފެނުނީ ވެސް އެލަދުރަކި ހިނިތުންވުމާއި އެކުއެވެ. އިރުއަރާ މަންޒަރު ބަލަންދާން އެދުނީމެވެ. ދެކޮޅެއް ނުހަދައެވެ. ހިނގާށޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތްކޮށްލިއެވެ. އަހަރެމެންނަށް ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ދުނިޔަވީ ވާހަކައާއި، ދިރިއުޅުމުގެ އެހެނިހެން ވާހަކަތަކެވެ. އަހަރެންނަށް އޭނާ ވަރަށް ކަމުދެއެވެ. ނަމަވެސް ލޯބީގެ އެއްވެސް ވާހަކަ ނުދައްކާން އަހަރެން ނިންމައިގެން ހުރީ ކީއްވެކަމެއް އަހަރެންނަށްވެސް ނޭނގެއެވެ.

އިރުއަރައިގެން އައި ވަގުތު އަހަރެމެން ދެމީހުންނަށް ފެނުނެވެ. އެކަކު އަނެކަކަށް ބަލާލައި، ހީލެވެއެވެ. އެމަންޒަރުން އަހަރެމެންނަށް އުފާވެރިކަން ލިބުނެވެ. މާލޭ ބަނދަރަށް ބޯޓު ވަދެގެން ދިޔައީ އަހަރެމެން އެމަންޒަރު ބަލަން ތިއްބައެވެ. އޭނާ ދެން ދަނީ އޭ ބުނެ ބޯޓުގެ އެތެރެއަށް ވަނެވެ. އަހަރެންވެސް އޭނާގެ ފަހަތުން ބޯޓުގެތެރެއަށް ވަދެގެން ދިޔައީއެވެ.
ބޯޓު މާލޭ ނޯތު ހާބަރަށް ވަދެ ހަމަޖެހިލުމާއި އެކު އަހަރެން، އަހަރެންގެ ދަބަސް ހިފައިގެން ބޯޓުން ފޭބީމެވެ. އެވަގުތު އަހަރެންނަށް އެ ނަން ނޭނގޭ އަންހެން ކުއްޖާ ބަލާލައިފައި ހީލިއެވެ. އަހަރެންވެސް ހީލީމެވެ. އަތުން ހަނާ އަޅާލުމަށްފަހު ހިނގައިގަތީމެވެ. މިއީ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ހަނާ އަޅާލުން ކަމަށް އަހަރެން އުންމީދު ނުކުރަމެވެ. އެހެންނަމަވެސް ކަންތައް ވާނެގޮތް އެނގެނީ ކިހިނެތް ހެއްޔެވެ؟ އަހަރެންނަށް ހިތާހިތުން ކިޔާލެވުނެވެ. ތިޔައީ އަހަރެންނަށް ދިމާވި އެންމެ ބިއުޓިފުލް ސްޓްރޭންޖާ އެވެ. ތިޔަ ބިއުޓިފުލް ސްޓްރޭންޖާ އަހަރެންނަށް ދުވަހަކުވެސް ހަނދާނުން ފުހެ ނުލެވޭނެއެވެ.

އޭގެ އެތަށް ދުވަހެއްފަހުން ވެސް އަހަރެންނަށް އޭނާގެ ހަނދާންތަކުން ދުރަށް ނުދެވުނެވެ. އޭނާގެ ރީތިކަން އަހަރެންގެ ހިތުތެރެއިން ނުފިލިއެވެ. ނުފިލާނެއޭ އަހަރެންގެ ހިތް ބުނެއެވެ. އެހެން ނަމަވެސް އަހަރެން ބޭނުންވަނީ އެ ހަނދާންތަކުން ދުރުވާށެވެ. އެ ހިޔާލުތަކާއި ދުރުވާށެވެ.