ކުޅިވަރު

ފަހު ވަގުތު ސިޓީގެ މޮޅު ވީއޭއާރުން ފޭރިގެންފި

މެޗުގެ އެންމެ ފަހު ވަގުތުގައި، ގެބްރިއަލް ޖެސޫސް ޖެހި ލަނޑާއެކު ސިޓީ މެޗުން މޮޅުވި ކަމަށް ހީކޮށް މެންޗެސްޓާ ސިޓީގެ ސަޕޯޓަރުންވެސް ދަނޑުން ނުކުންނަން ފެށީ އުފާފާޅު ކުރަމުންނެވެ. ނަމަވެސް ޖެސޫސް ޖެހި ލަނޑު ވީއޭއާރު ގަބޫލު ނުކުރުމުން މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ސިޓީގެ ސަޕޯޓަރުން، އުފާފާޅު ކުރަމުން ދަނޑުން ނުކުންނަން ފެށިއިރު ސްކޯ ބޯޑުވެސް ވަނީ 3-2 އަށް ބަދަލު ވެފަ އެވެ. އުފާފާޅު ކުރަމުން ސާޖިއޯ އަގުއޭރޯ އާއި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އޮޅުލައިވެސްގަތެވެ.

ނަމަވެސް ސިޓީގެ ކުޅުންތެރިން ނުވިސްނާ ތިބި ކަމަކީ ފަހު ނިންމުން ނިންމަން ވީއޭއާރު ޓެކްނޮލޮޖީއާ ހަވާލު ކުރެވުނު ކަމެވެ. ވީއޭރުން ފެންނަ ގޮތުގައި، ގޯލާ ދިމާލަށް ހުރަސްވެގެން ދިޔަ ބޯޅަ ސިޓީގެ އެމެރިކް ލަޕޯޓޭ އަތުގައި ޖެހުނެވެ.

ވީއޭއާރުގެ ނިންމުމާއެކު، އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމުމުން ސިޓީގެ ކުޅުންތެރިންގެ ހިތްހަމަނުޖެހުންތައް ރެފްރީއަށް ބަނޑުންކޮށްލި އެވެ. އެހެންނަމަވެސް ނިންމުން ބަދަލެއް ނުވި އެވެ.

މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، 20 ވަނަ މިނެޓްގައި ރަހީމް ސްޓާލިން އެވެ. އޭގެ ތިން މިނެޓް ފަހުން އެރިކް ލަމޭލާ ވަނީ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ފުރަތަމަ ހާފު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް، ކެވިން ޑިބްރޭނޭ ތަނަވަސްކޮށްދިން ފުރުސަތަކުން، އަގުއޭރޯ އަނެއްކާވެސް ސިޓީއަށް ލީޑް ނަގައިދިނެވެ. އެހެންނަމަވެސް ދެ ވަނަ ފެށިގެން 11 ވަނަ މިނެޓްގައި ލޫކަސް މޯރާ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.