ބޮލީވުޑް

ވަރުގަދަ ކާސްޓަކާއެކު "މުމްބާއީ ސާގާ" އަންނަ އަހަރު

ބޮޑު ކާސްޓަކާއެކު، ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ އާ ގޭންގްސްޓާ ޑްރާމާ ފިލްމު "މުމްބާއީ ސާގާ" އަންނަ އަހަރުގެ ޖޫން 19 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ހިމެނޭ ގޮތަށް އުފައްދާ މި ފިލްމަކީ ޖޯން އަބްރަހަމް އާއި އިމްރާން ހާޝްމީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި މި ދެ ތަރިންގެ އިތުރުން، ސުނިލް ޝެޓީ، ޖެކީ ޝްރޮޕް، އަމޯލް ގުޕްތޭ، ސަމީރު ސޯނީ، އަދި ގުލްޝަން ގްރޯވާ ހިމެނެ އެވެ.

އަށްޑިހަ އާއި ނުވަދިހައިގެ އަހަރުތައް ދައްކުވައިދޭ ގޮތައް އުފައްދާ މި ފިލްމުގައި އިންޑިއާގެ ބޮމްބޭ އިން މުމްބާއި އަށް ބަދަލުވި ގޮތް ކިޔަައިދޭނެ ކަމަށް ހަބަރުތަކުގައި ބުނެ އެވެ. އަދި މުމްބާއީގެ ރަން ޒަމާން ފުރިހަމަ އަށް ފެންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ގުލްޝަން ކުމާރު ގެނެސްދޭ "މުމްބާއީ ސާގާ" އަކީ ޓީ ސީރީޒްއާ ގުޅިގެން، ވައިޓް ފެދާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމެކެވެ. މި ފިިލްމު ޕްރޮޑިއުސް ކުރަނީ، ބުޝަން ކުމާރު އަދި ކްރިޝަން ކުމާރުގެ އިތުރުން އަނުރަދާ ގުޕްތާ އެވެ. ޑައިރެކްޓަރަކީ ސަންޖޭ ގުޕްތާ އެވެ.