ހަބަރު

ކުރީގެ ސަރުކާރުން ބަދަލުގެނައި ތިން ގާނޫނެއް އިސްލާހުކުރަން ހުށަހަޅައިފި

ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ފޮނުވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ސަރުކާރުން އިސްލާހު ގެނައުމަށް ހުށައަޅަން ނިންމަވާފައިވާ ތިން ގާނޫނަކީ ރިޔާސީ އިންތިހާބުގެ ގާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތާބެހޭ ގާނޫނު ކަމަށެވެ. އަދި އެ ތިން ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ފޮނުވާފައިވާއިރު، ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކުރުމަކީ މިސަރުކާރުގެ ވައުދެއް ކަމަށެވެ.

މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވާ ތިން އިސްލާހުގެ ތެރެއިން ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސް ކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާހުކުރުމަށް ހުށަހަޅާ އިސްލާހެކެވެ.

އެގޮތުން ސަރުކާރުން ހުށަހަޅާފައިވާގޮތަށް އިސްލާހު ވެގެން ދިއުމުން، ރައީސް ކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ގާނޫނު ވުޖޫދަށް އައުމަށްފަހު ރައީސްކަން ކޮށްފައިވާ މީހަކު އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ގާނޫނު އިސްލާހުކުރުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެއުޅެވޭނެ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ވަރަށް ފުޅާ ދާއިރާއެއްގެ އިހުތިޔާރުތަކެއް ސަރުކާރަށް ލިބިދިނުމަށާއި، އެވަގުތު އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައިވާބައި އުނިކުރުމަށެވެ.