ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ސަރުކާރުން ތައްޔާރުވަނީ އިންތިހާބު ވަގަށް ނަގަން: އަބްދުރަހީމް

ދައުލަތުގެ އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިސް ހުއްޓުވައި، ގައުމު ނުބައި ހާލަތަކަށް ގެންގޮސްފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު "ވަގަށް" ނެގުމަށް ސަރުކާރުން ރާވައިގެން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެން އެކަން ކާމިޔާބު ނުވުމުން ރައީސް އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް އޮފީހަށް އޭނާ ވަޑައިގަތީ މިއަދު 12:30 ހާއިރު ރައީސް ސޯލިހް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ގުޅާފައި ބުނުމުން ކަމަށެވެ. ނަމަވެސް އެބޭފުޅުން ރައީސް އޮފީހުގައި ތިއްބަވަނިކޮށް އެބޭފުޅުންނާ ބައްދަލުނުކުރައްވާ ރައީސް ވަޑައިގެންނެވީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައީސް އޮފީހަށް މި އަންނަނީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ މާރީތިވެގެން ރައިސުލްޖުމްހޫރިއްޔާ ބައްދަލުކުރާކަށް ނޫން،" އަބްދުއްރަހީމު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހް ޖެހިލުންވެވަޑައިގަންނަވާނަމަ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ އެކު މުޅި ސަރުކާރު އިސްތިއުފާ ދެއްވުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިއަދު ހިނގަމުންދާ ކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ވިދާޅުވީ ދިވެހިންގެ މަސް ކަނޑު ވިއްކާލައި ދިވެހި ގައުމުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ އެތައް ކަމެއް މިސަރުކާރުގައި ކޮށްފައިވާ ކަމަށެވެ. އަދި އެކަންކަން އެހެން ބުނުމަކީ ހަގީގަތާ ހިލާފު ވާހަކަ ދެއްކުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ޖަލުގައި މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނާ ބުނުން މިއަދުވެސް އަބްދުއްރަހީމް ވަނީ ތަކުރާރުކުރައްވާފަ އެވެ. އަދި ވިދާޅުވީ ރައްޔިތުން އެދޭ ގޮތަކީ ރައީސް ޔާމީންގެ ޝަރީއަތް ވީހާވެސް އަވަހަށް ނިންމާލުމަށްފަހު ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވޭނެ މަގު ކޮށައިދިނުން ކަމަށެވެ.

"ރައީސް ޔާމީން ވީހާވެސް އަވަހަށް ވެރިކަމަށް ގެނައުމަކީ ރައްޔިތުން އެދޭ ގޮތް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް"އަށް ރަޖިސްޓްރީ ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ހުރަސް އަޅާތީ އެކަމަށްވެސް އަބްދުއްރަހީމް ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި އެއީ ސަރުކާރުން ހުރަސް އަޅައިގެން އަދި ރައީސް ސޯލިހްގެ ހުދުމުހުތާރު ކަމުން ކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ތާރީހް އަދި މިހާތަނަށް ނުދެކޭ މި އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ އަނިޔާވެރި، މަކަރުވެރި، ހީލަތްތެރި ވެރިއެއް ވެސް،" އަބްދުއްްރަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ ހުރިހާ އިދާރާއެއް ރައީސް ސޯލިހްގެ މުށުތެރެއަށް ގެންގޮސްފައިވާތީ ޖަލުގައި ރައީސް ޔާމީނަށް ކުރާ އަނިޔާތަކަށް އިންސާފު ހޯދައިދޭ ސަރުކާރު ޖަވާބުދާރީކުރެވޭނެ ގޮތެއްވެސް މިއަދު ނެތް ކަމަށެވެ.