ހަބަރު

މިރޭ ހަ ގަޑިއިރަށް ތިލަފުށިން ފެނުގެ ޚިދުމަތް ކަނޑާލަނީ

މިރޭ 12:00 އިން ފެށިގެން މާދަމާ ހެނދުނު 6:00 އާ ހަމައަށް ކ.ތިލަފުށިން ފެނުގެ ޚިދުމަތް ކަނޑާލަން އެމްޑަބިލުއެސްސީން ނިންމައިފި އެވެ.

މާލެއަށް ފެނުގެ ޚިދުމަތް ދެމުންދާ އެމްޑަބްލިއުއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ތިލަފުށިން ހަ ގަޑިއިރަށް ފެނުގެ ޚިދުމަތް ކަނޑާލަން ނިންމީ ތިލަފުށީގައި ފެނުގެ ޚިދުމަތް ހޯދުމުގައި ކުރިން ބޭނުންކުރަމުން އައި މިންވަރަށް ވުރެ ފެނުގެ ޑިމާންޑް ބޮޑުވެފައިވާ ކަމަށް ފާހަގަކުރެވޭތީ ފެނުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ދިނުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ކަމަށް ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިމަހުގެ ތެރޭގައި އެ ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލެއިން ހަ ދުވަސް ވަންދެން ފެނުގެ ޚިދުމަތް ކެނޑުނެވެ. އެކަމާ ހެދި ގިނަ ބަޔަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ބޭރު ގައުމުތަކުގެ އެހީ ހޯދަން ވެސް ޖެހުނެވެ.