ހަބަރު

ބަލިތަކަށް ސަމާލުވެ، ރައްކާތެރިވާން އިލްތިމާސްކޮށްފި

ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުން ނިންމާފަ ހައްޖުވެރިން އެނބުރި އަންނަ އިރު ގިނަ ބަލިތައް ފެތުރޭތީ އެ ބަލިތަކަށް ރައްކާތެރިވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.

އެޗްޕީއޭ އިން ބުނީ ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައުމާއި ކެއްސުމާއި ނޭވާލާން އުދަނގޫވާނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންވާނެ ކަމަށެވެ. އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަ މައްޗާއި ނޭފަތް ނިވާކުރަން ސަމާލުކަން ބަހައްޓަން ޖެހޭ ކަމަށާއި ރޯގާ ޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިއުމާއި ބަލިބޮޑު ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޓީޝޫފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރިކަމާއެކު ނައްތާލުމާއި އާންމު ރައްކާތެރިކަމަށް ސަމާލުވެ ސައިބޯނިން އަތް ދޮވުން އާދަކުރަން ޖެހޭ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ހުން އައިސް އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކުރެވިދާނެ ކަންތައްތައް

  • ގިނަ ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން
  • އަރާމުކުރުން
  • ކަޅު ސައި، ލުނބޯ، އިނގިރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
  • ހުންގަދަ ނަމަ ގައިގައި ފެން ހޭކުން
  • ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރުގެ މަޝްވަރާއާއި ނުލާ ނުނެގުން

ހައްޖުގެ މޫސުމުން އަންނަ ބަލިތަކުގެ އިތުރަށް ބޭރަށް ހިންގުމާއި ހޮޑުލުން ވެސް މި ދުވަސްވަރު އިތުރުވަމުން ދާތީ އެކަމަށް ސަމާލުވާން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.