ހަބަރު

ކްރޮސްރޯޑްސް ރިސޯޓުން ކުޑަކުދިންނަށް ހާއްސަ ދިވެހި ސަގާފީ ފޮތެއް ނެރެފި

ކްރޮސްރޯޑް މޯލްޑިވްސް ރިސޯޓަށް ޒިޔާރަތް ކުރާ ކުޑަކުދިންނަށް ހާއްސަކޮށް ދިވެހި ތާރީހާއި ސަގާފަތް ހިމެނޭ ފޮތެއް ނެރެފި އެވެ.

"މޯލްޑިވްސް ޑިސްކަވަރީ ސެންޓަރު" ގެ ނަމުން ނަންދީފައިވާ މި ފޮތް ނެރެދެއްވީ އެ ރިސޯޓުގެ ޖެނެރަލް
މެނޭޖަރު ޓޮލްގާ އުނާން އެވެ.

ކްރޮސްރޯޑުން ބުނީ މި ފޮތުން ކުޑަކުދިންނަށް ރާއްޖޭގެ ސަގާފަތާއި ތާރީހު ޝައުގުވެރި ގޭމް ތަކުގެ އަލީގައި ދަސްވާނެ ކަމަށެވެ. ވިހި ވަރަކަށް ސަފުހާ ހިމެނޭ މި ފޮތުން އެ ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދިވެހިން އާންމުކޮށް ބޭނުން ކުރާ ބަސްތައް އެނގިގެން ދާނެ ކަމަށާއި މި ފޮތުން ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމު ކަން ވެސް ދަސްވާނެ ކަމަށެވެ.

މި ފޮތް ނެރެފައިވަނީ ތިމާވެށީގެ ތައުލީމީ ފޯރުކޮށްދޭ އިންޓަނޭޝަނަލް އެންޖީއޯ އެއް ކަމަށްވާ ލިވް އެން ލާން އާ ގުޅިގެން އެވެ. ފޮތުގެ ކުރެހުން ތައް ކުރަހާފައިވާނީ ނިމިދިއަ އަންވެއިލިން ވިށަން އާޓް އެގްޒިބިޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާޓްވޯކުގެ މަސައްކަތް ކުރި މުހައްމަދު ޝައްފާނެވެ.

ފޮތް ލިޔެފައިވަނީ މަރިޔަމް ޝަޒްނާ އާއި ޒަމީލާ އަހުމަދެވެ. އަދި ފަރުމާކޮށްފައިވަނީ އަހުމަދު އަލްހާމް އާދިލެވެ.