މެންދުރު ކައިގެން އައިސް ދެން ކުރަން ހުރި މަސައްކަތް ނިންމާލުމަށް ކޮންމެ ދުވަހަކުހެން ރާވާލައެވެ. އެހެންނަމަވެސް މެންދުރު ކައިގެން ހަމަޖެހިލައިގެން އޮފީހަށް އަލުން އަނބުރާ ވަންނަ އިރު މީހާގެ ހަށިގަނޑު ހުންނަނީ ލޮޑުވެފައެވެ. ކިތަންމެ ކަމެއް ނިންމާލަން ޕްލޭންކޮށްފައި އޮތަސް އާފުރި ނިދި އައިސް ވަރުބަލިވެފައި ހުންނަ ވަރުން މަސައްކަތް އެންމެ އެދޭވޭ ގޮތެއްގައި ކުރިއަކަށް ނުދެއެވެ.
މިއީ މެންދުރު ގަޑީގައި ކާބޯހައިޑްރޭޓް މާއްދާ ގިނައިން ހިމެނޭ ބާވަތުގެ ކާނާ ހިޔާރު ކުރެވުމުގެ ނަތީޖާއެވެ. މެންދުރު ގަޑީގައި ކާލާ ބަތްގަނޑުތަކާއި ސޭންޑްވިޗުތަކުގައި ހުންނަ ގުލްކޯސް ޕްރޮސެސްކުރާއިރު ހަށިގަނޑަށް މި ލޮޑުކަން އިހްސާސްކުރެވެއެވެ.
މި ލޮޑުކަން އިހްސާސްވުމާއި ދުރުވާން ބޭނުން ނަަމަ ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމީ ކާބޯހައިޑްރޭޓް މަދުން ހިމެނޭ ބާވަތްތަށް މެންދުރު ކެއުމަށް އިހްތިޔާރުކުރުމެވެ. މިގޮތުން އަންނަނިވި ބާވަތްތަށް މިކަމަށް ހަމަ ބަރާބަރެވެ.
މެންދުރު ކެއުމަށް ކޮންމެވެސް ސެލެޑެއް ހިޔާރުކުރުން
މެންދުރު ކެއުމަށް ސެލެޑެއް ހިޔާރުކުރުމަކީ ކުރެވޭނެ އެންމެ ބުއްދިވެރި އެއް ކަމެވެ. މިއީ ހަށިގަނޑާއި ސިކުނޑިއަށްވެސް ފައިދާ ހުރި ކާނާއެކެވެ. މީހާ ލޮޑުވުމުގެ ބަދަލުގައި ތާޒާކޮށް ހުރެއެވެ. އެންމެ ރަނގަޅު ސެލެޑްތަކުގައި ތަފާތު ފެހިކަން ގަދަ ހިމެނޭ ފަތް ހިމެނެއެވެ. ޖީބަށް ލުއިގޮތް ބޭނުންގޮތް ނަމަ ސެލެޑެއް ހިފައިގެން އޮފީހަށް ގެންދެވިދާނެއެވެ. އަދި މިގޮތަށް ގެއިން ސެލެޑެއް ތައްޔާރުކޮށްގެން ދިއުމުން ކާން ބޭނުން ކާ ހިތްވާ ތަރުކާރީ އާތި ތާޒާ މޭވާ ހިމެނޭ ސެލެޑެއް ކާލެވިދާނެއެވެ. ހަމައެކަނި ސެލެޑެއް ކާލައިގެން ނުހުރެވޭނޭ ނަމަ ހަކަތަ އިތުރުކުރުމަށް ޕްރޮޓީން ހިމެނޭ ބިހާއި، ބީންސް އަދި ކަނޑުމަހާއި ކުކުޅުވެސް ސެލެޑްގައި ހިމާނާލެވިދާނެއެވެ.
ޕްރޮޓީން މާއްދާ ގިނަ ތަކެތި ކާންވީ މެންދުރު
މެންދުރު ގަޑީގައި އޮފީހުގެ މަސައްކަތަށް ބުރުއަރާވަރަށް ވަރުބަލިވުމާއި ނިދި އައުމުން ދުރުވުމަށް ޕްރޮޓީން ގިނަ މާއްދާ އެހީތެރިވެދެއެވެ. ޕްރޮޓީން ގިނަ މާއްދާތަކަށް ބަލާއިރު މުގާއި ބްރައުން ރައިސް، ފިހުނު ކުކުޅު، ކީންވާ ފަދަ ކެއުން މެންދުރު ކެއުމަށް އިހްތިޔާރުކުރެވިދާނެއެވެ.
މެންދުރު ކެއުމަށްފަހު ގްރީން ޓީއެއް
ގްރީން ޓީއަކީ އޭގައި ކެފެއިން ހިމެނޭ އެއްޗެއް ކަމުން މެންދުރު ކެއުމަށްފަހު ގްރީން ޓީ އެއް ބޯލުމުުން ނިދި ފިލައި މަސައްކަތް ކުރުމަށް އާ ހިއްވަރެއް ލިބި ހަކަތަ ލިބެއެވެ. އަދި ރޭގަނޑުގެ ނިންޖަށް އަސަރުނުކޮށް މީހާގެ ހަށިގަނޑުގައި ހުންނަ ލޮޑުކަން ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެއް ކަމުން ގްރީން ޓީ މެންދުރު ގަޑިއަށް ބަރާބަރެވެ. ހޫނުކޮށް ކަމުނުދާ ނަަމަ އައިސްކޮށް ތައްޔާރުކޮށް ބޭނުން ކަހަލަ މޭވާއެއް ސަަޔަށް އަޅައިގެން އިތުރު ފްލޭވާ ގެނެސްގެންވެސް ބޮވިދާނެއެވެ.
މެންދުރު ގަޑީ ކުޅިކޮށް ކެއުމުންވެސް ނިދިއައުމުން ދުރުވޭ
މެންދުރު ގަޑީގައި ކުޅިކޮށް ކެއުމުން މީހާގެ މެޓަބޮލިޒަމް ވަގުތީ ގޮތުން އަވަސްކޮށްދީ ހަށިގަނޑުގައި އިތުރު ކެލަރީ އެންދުމަށް އެހީތެރިވެދޭނެއެވެ. މީގެ ސަބަބުން ވަރުބަލިކަން އިހުސާސްވުމުން ދުރުކޮށްދެއެވެ. އަދި މަސައްކަތާއިގެން ކުރިއަށް ދިއުމަށް ފަސޭހަވެއެވެ.
މެންދުރުގަޑީގައި ކައިގެން މަސައްކަތް ނުކުރެވޭ ވަރަށް މީހާ ވަރުބަލިވެ ލޮޑުވަނީ ކާންވާ ވަރަށް ވުރެއް ގިނައިން ކެއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއްގަޑީގެ ކެއުމަށް ދުވާލަކު ހަށިގަނޑަށް ބޭނުންވާ ކެލޮރީގެ ދެބައި ކުޅަ އެއްބައި ހެދުމުން ލޮޑުވެ ކައްނެތް ވެއެެވެ. ކާވަރު ކުއްލިއަކަށް މަދުކުރުމަށް އުނދަގޫ ވެދާނެއެވެ. އެހެންނަމަވެސް ވަރުބަލިކަން ފިލުވާލުމަށާއި މީހާގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކެއުމަށް ބެލުމުގެ ސަބަބުން މީގެ ފައިދާ މުޅި މީހާގެ ސިއްހަތުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.