ބޮލީވުޑް

ފުޓުބޯޅަ ލެޖެންޑެއްގެ ރޯލަށް އަޖޭ ތައްޔާރުވަނީ

އިންޑިއާ ފުޓުބޯޅައިގެ ރަަން ޒަމާން ދައްކުވައިދޭ ފިލްމަކަށް އަޖޭ ދޭވްގަން ތައްޔާރުވެއްޖެ އެވެ.

އަަމިތު ޝަރުމާ ޑައިރެކްޓު ކުރާ "މައިދާން" ކިޔާ މި ފިލްމުގައި އަޖޭ ކުޅެން ހަމަޖެހިފައިވަނީ އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަށާއި މެނޭޖަރަކަށް ހުރި ސައިދު އަބްދުލް ރަހީމްގެ ރޯލެވެ. މިއީ އިންޑިއާގައި ޒަމާނީ ފުޓުބޯޅަ ތައާރަފުކޮށްދިން ލެޖެންޑެއް، އަދި ގައުމީ ޓީމަށް ކޯޗުކޮށްދީ ގިނަ ދުވަސްވަންދެން ހިދުމަތް ކުރި މީހެކެވެ. އޭނާ 1950 އިން 1963 އަށް ޓީމަށް ކޯޗުކޮށްދިން އިރު، ޓީމާ ވަކިވީ ކެންސަރުގައި މަރުވުމުންނެވެ.

މި ރޯލަށް އަޖޭ ތައްޔާރުވާއިރު، އަޖޭ އާއެކު ފިލްމުގައި ކޯސްޓާރަަކަށް ހަމަޖައްސާފައިވަނީ ނެޝަނަލް ފިލްމް އެވޯޑްސް އިން ބެސްޓް އެކްޓްރެސް އަކަށް ހޮވުނު ކީރްްތީ ސުރޭޝް އެވެ.

މި ފިލްމުގައި ސައިދުގެ ރޯލުގައި އަޖޭ 60 އަހަރު ދައްކުވައިދޭނެ އެވެ. ހަބަރުތަަކުގައި ބުނާ ގޮތުގައި އަަޖޭ އަކީ ފުޓުބޯޅަ ކުޅުންތެރިއަކަށް ނުވިޔަސް "މައިދާން" ފިލްމަށް ތައްޔާރުވުމަށް އަަޖޭ ވަނީ ފުޓުބޯޅަ ކުޅެން ދަސްކުރަންވެސް ފަަށާފަ އެވެ.

ޑިރެކްޓަރު ބުނި ގޮތުގައި، އިންޑިއާއަށް ހާއްސަ އެތުލީޓެއްގެ މައްޗަށް ފިލްމު ހަދާއިރު ބޭނުންވަނީ ފިލްމުތަކުގައި އަބަދުވެސް އެކްސްޓްރާއޯޑިނަރީ ދައްކާ މީހެއް އޭނާގެ ރޯލުގައި ފެންނަން ކަމަށެވެ.

ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާއިރު ޑައިރެކްްޓަރު ބުނަނީ އަވަސް އަަރުވާލައިގެން ފިލްމު ނިންމަން ބޭނުންވެސް ނުވާ ކަމަށެވެ. އަދި، މި ފިލްމަކީ ވަރަށް ވަގުތު ދީގެން، ސްޕެޝަލް އިފެކްޓްސްވެސް އެފެކްޓެއް ކަން ނޭނގޭނެ ވަރަށް ބޭނުންކުރަން ޖެހޭ ފިލްމެއް ކަމަށެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ، ބޮނީ ކަޕޫރު، އަަކާޝް ޗަވްލާ، އަރުނަވާ ޖޯއި އެވެ.