ބޮލީވުޑް

"ވޯ" ތަފާތު ވާނެ: ޑައިރެކްޓަރު

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ފެންނަ ފިލްމު "ވޯ" ބޮލީވުޑްގެ އެހެން އެކްޝަން ފިލްމުތަކާ އަޅާ ބަލާއިރު ތަފާތު ވާނެ ކަމަށް ފިލްމުގެ ޑަައިރެކްްޓަރު ސިދާތު އާނަންދު ބުނެފި އެވެ.

ބޮލީވުޑް ހަބަރުތަައް ގެނެސްދޭ ނޫސް "ޑީއެންއޭ" އަށް ފިލްްމުގެ ޑައިރެކްޓަރު ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ، ފިލްމުގެ އެކްޝަން ސީކުއެންސްތައް ޑިޒައިން ކުރުމަށް ބޮލީވުޑްގެ އެހެން ފިލްމެއް އަހަރެއްހާ ދުވަސް ހޭދަ ކުރި ހެން ހީނުވާ ކަމަށެވެ. އަދި އޭނާ މި ފިލްމުގައި އިންޑިއާ ސިނަމާތަކަށް ގެންނަން ބޭނުންވަނީ އެކްޝަން ފިލްމުގެ ވިޝުއަލް އެކްސްޓްރަވެގަންޒާ އެއް ކަމަށެވެ. އަަދި އެކަން ކުރުމަށް އެކްޝަންތައް ކޮރިއަގްރާފް ކުރަން އަހަރެއްހާ ދުވަސް ހޭދަވި ކަމަށެވެ.

ސިދާތު އިތުރަށް ބުނީ، ފިލްމުގައި އެކްޝަން ޑައިރެކްޓަރުންނަށް ތިބި ހަތަރު މީހުން ދުނިޔޭގެ ހަތަރު ސަރަހައްދެއްގައި ތިބެ މަސައްކަތް ކުރި ކަމަށާއި މި ފިލްމަށް ފަހު އިންޑިއާ މީހުންނަށްވެސް ހޮލީވުޑްގައި ހަދާ ބޮޑު ބަޖެޓު އެކްޝަން ފިލްމުތައް ހެދޭނެކަން އަންގުވައިދޭން ބޭނުންވާ ކަމަށެވެ.

މިދިޔަ އަހަރުން ފަށައިގެން މި ފިލްމުގެ މަސައްކަތުގައި ރިތިކް އާއި ޓައިގާ ވެސް ދަަނީ އުޅެމުންނެވެ. ނަމަވެސް ފިލްމުގެ ޓީމުންނާއި ދެ ތަރިންގެ ފަރާތުން ވެސް މި ފިލްމާބެހޭ މާ ބޮޑު މައުލޫމާތެއް ހާމަ ނުކޮށް މިކަން އޮތީ ސިއްރުކޮށްފަ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ މި ފިލްމުގެ ޓީޒާ ނެރެމުން ޖަހާފައިވަނީ "ޓޫ ހީރޯސް، ވަން ވޯ" އެވެ. ޓީޒާ ޓްރެއިލާގައި ވެސް ވަނީ ދެ ތަރިންގެ ވަރުގަދަކަން ދައްކާލާފަ އެވެ. ތަޅާފޮޅުމާއި ހަނގުރާމައިގެ ބަޑި ޖެހުމާއި ސްޓަންޓުތަކުގެ ފުލް ޕެކޭޖެއް ގޮތުގައި ޓީޒާ ފެނެ އެވެ.

މިއީ އާކްޓިކް ސާކަލްގައި ޝޫޓު ކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ. ޓީޒާގައި ފެންނަ ކާރު ސީން އަކީ ފިންލެންޑުގައި ނަގާފައިވާ މަންޒަރެއްކަން ފިލްމުގެ ޑިރެކްޓަރު ސިދާތު އަނަންދު ބުނެފައިވެ އެވެ.

ރިތިކް އާއި ޓައިގާ މި ފިލްމުގައި ވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ސްޓަންޓުތަކެއް ވެސް ޖައްސާފައި ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. އެހެން ނަމަވެސް، ކިތަންމެ ރިސްކީ ވިޔަސް ބަލާލަން ރީތި ކަމުން މި މަންޒަރުތައް ނެގީ ކަމަށް ބުންޏެވެ.

ލީޑުން ފެންނަ މި ދެ ތަރިންގެ އިތުރުން މި ފިލްމުގައި މުހިއްމު ރޯލަކުން ވާނީ ކަޕޫރުވެސް ފެންނާނެ އެވެ. މިއީ ރިތިކް އާއި ޓައިގާ އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ.

އަހަރުގެ އެކްޝަން ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު ދޭއްގަ އެވެ.