ވިޔަފާރި

އަލަށް ޓޫރިޒަމް މާކެޓަށް ނެރޭ ރަށްތަކުގެ އެސެސްމަންޓް ހަދަނީ

Aug 21, 2019
1

ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ހުށަހަޅާ ރަށްތަކުގެ އެސެސްމަންޓް ހަދަން ނިންމައި އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ޓޫރިޒަމް ތަރައްގީކުރުމަށް އެ މިނިސްޓްރީން ހުށަހަޅާ ރަށްތަކުގެ "އިނީޝަލް އެންވަޔަރަންމަންޓް އެސެސްމަންޓާއި ސޯޝިއޯ އިކޮނޮމިކް އެސެސްމަންޓް" ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކޮށްދޭން އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އަށް ޓޫރިޒަމް މިނިސްޓްރީ އަށް ގޮސް މައުލޫމާތު ސާފުކުރުމަށް ފަހު މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެ މިނިސްޓްރީ އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

މި ސަރުކާރުން ވަނީ އަލަށް ރިސޯޓުތަކެއް މާކެޓަށް ނެރެން ތައްޔާރުވަމުންދާ ކަމަށް ބުނެފަ އެވެ. މިގޮތުން ރިސޯޓު ހަދަން މާކެޓަށް ނެރޭ ރަށްތަކުގެ ލިސްޓެއް ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު ވެސް 140 އަށް ވުރެ ގިނަ ރިސޯޓު ހިންގަ އެވެ. އަދި ޓޫރިޒަމާ ގުޅުންހުރި 132 މަޝްރޫއެއް ކުރިއަށްދެ އެވެ.