ހަބަރު

މަސްވެރިންގެ ޕާކުގައި ކުރޫޒް ލައިނާ ޓާމިނަލެއް އަޅާނެ ބަޔަކު ހޯދަނީ

Aug 21, 2019
2

މާލޭގެ މަސްވެރިންގެ ޕާކް ސަރަހައްދުގައި ކުރޫޒް ލައިނާ ޓާމިނަލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން އިއުލާންކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތަށް މަސްވެރިންގެ ޕާކުގައި ކުރޫޒްލައިނާ ޓާމިނަލް ބިލްޑިންއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެންމެނަށް ހުޅުވާލާ ކަމަށެވެ.

އެ އިއުލާންގައިވާ ގޮތުން ބީލަމުގައި ބައިވެރިވެވޭ ބީލަން ފޮތް ވިއްކަނީ 500 ރުފިޔާ އަށެވެ. ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ޕްރީ ބިޑްގެ ފަހި ބައްދަލުވުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. އަދި ބިޑް ހުށައަޅަން ޖެހޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ރުފިޔާގެ ހުށަހަޅަން ޖެހެ އެވެ.

ބިޑް އެވޯޑްކުރާ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 ޕަސެންޓް ބިޑް އެވޯޑްކުރާތާ 14 ދުވަހުގެ ތެރޭގައި ހުށައަޅަން ޖެހޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީގެ އިއުލާންގައި ވެއެވެ.

މަސްވެރިންގެ ޕާކްގައި ކްރޫޒް ޓާމިނަލެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާން ކުރި އިރރު، މަސްވެރިންގެ ޕާކު ތަރައްގީ ކުރާނީ ފަތުރުވެރިންނަށް ބޭނުންކުރެވޭ ފެންވަރުގެ އާންމު ފާހާނާތަކާއި ބޭރުގެ ބޮޑެތި ކްރޫޒް ލައިނާތަކަށް ހިދުމަތްދޭނެ ޓާމިނަލަކާއެކު ކަމަށް ސިޓީ ކައުންސިލުންވެސް ބުނެފައި ވެ އެވެ.