މޮންޓަނީގްރޯގެ ފިޒިކަލް ޓްރެއިނިންގެ ތަޖުރިބާކާރެއް ކަމަށްވާ، މިރުކޯ ކުރުނިޗް ގައުމީ ޓީމުގެ އާ ފިޓްނަސް ކޯޗް ކަމަށް ހަމަޖައްސައިފި އެވެ.
އެންމެ ފަހުން ރާއްޖޭގެ ފިޓްނަސް ކޯޗެއްގެ ގޮތުގައި ހުރީ ވެސް، މޮންޓަނީގްރޯގެ ތަޖުރިބާކާރެއް ކަމަށްވާ، ވަލްޑަމީރު ކުރުނިޗް އެވެ. އޭނާ މިހާރު ވަނީ މިޔަންމާގެ ގައުމީ ޓީމުގެ ފިޓްނަސް ކޯޗް ކަމާ ހަވާލުވެފަ އެވެ.
ގައުމީ ޓީމުގެ އާ މެނޭޖަރު ޔާމީން އިބްރާހިމް (ޔާންބެ) ވިދާޅުވީ ކްރުނިޗް ރާއްޖޭގެ ޓީމުގެ ފިޓްނަސް ކޯޗް ކަމަށް ހަމަޖެއްސީ މި މަހު ކަމަށެވެ. ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ކަމަށެވެ.
މިރުކޯގެ ލިންކްޑިން ޕްރޮފައިލުން އެނގޭ ގޮތުގައި އޭނާ ވަނީ މޮންޓަނީގުރޯގެ ޔނިވަސިޓީން ފިޓްނަސް އާއި ފިޒިކަލް އެޑިއުކޭޝަންގެ ރޮނގުން ބެޗްލާސް ހާސިލު ކޮށްފަ އެވެ.
މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕުން ފެށިގެން ރާއްޖޭގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބެލްޖިއަމް ގެލާ ޝެކިލާޒީ ވަނީ ކޮލިފިކޭޝަން މެޗުތަކަށް ވެސް ރާއްޖޭގެ ޓީމާއެކު މަސައްކަތް ކުރަން ފަށާފަ އެވެ.
ކޮލިފިކޭޝަންގައި، އަންނަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުމަށް ގައުމީ ޓީމުން ވަނީ ޓްރޭނިންއަށް ލަންކާގައި ކޭމްޕް ކޮށްފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ލަންކާގައި ކޭމްޕްކޮށްފައިވާ ގައުމީ ޓީމާ ރޭ ޓީމާ ބައްދަލު ކުރައްވާފަ އެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ކުޅޭނީ ގުއާމްގަ އެވެ. އޭގެ ފަސް ދުވަސް ފަހުން ޗައިނާ އާ ދެކޮޅަށް މާލޭގައި ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން އެއްކޮށްލައިގެން ގެންދާ ކޮލިފިކޭޝަންގައި ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ.