ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިން ވިސްނަނީ ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލާއި ސޯޝަލް މީޑިއާ އާއި އަންހެންކުދިންނަށް ކަމަށް ބުނެ ކޯޗު ވެލީޒާ ޕޮޕޯފް ކުޅުންތެރިންނަށް ފާޑުކިޔައިފި އެވެ.
އޭނާގެ ފާޑުކިއުން ކުޅުންތެރިންނަށް މި އަމާޒުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުރަތަމަ މެޗުގައި މަޔޯއްޓޭ އަތުން ރާއްޖެ ބަލިވުމުންނެވެ. މި މެޗުން ރާއްޖެ ބަލިވީ މެޗުގެ ލީޑު ވެސް ލިބިފައި ވަނިކޮށެވެ. މެޗުގައ ރާއްޖޭގެ ލަނޑު ޖެހީ 12 ވަނަ މިނިޓްގައި މުހައްމަދު އުމޭރެވެ.
ކޯޗު ބުނީ މެޗުގައި ދިވެހި ޓީމުގެ ޒުވާން ކުޅުންތެރިން އޭނާ ހިތްހަމަ ޖެހޭ ވަރަށް ކުޅުނު ކަމަށާއި ނަމަވެސް ސީނިއާ ކުޅުންތެރިން އޭނާ މާޔޫސްކޮށްލައިފި ކަމަށެވެ. މިހެންވެ މިއީ ސީނިއާ ބައެއް ކުޅުންތެރިން އޭނާ ހުރެގެން ގައުމީ ޓީމަށް ކުޅޭނެ ފަހު ފަހަރު ކަމަށެވެ.
މި މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ރާއްޖެ އަށް އަދި ދެ މެޗު ގްރޫޕް ސްޓޭޖުގައި އެބައޮތެވެ. މީގެ ތެރެއިން މާދަމާ ރޭ ކުޅޭނީ ސީޝެލްސްއާ އެވެ. އެއަށްފަހު އަންގާރަ ދުވަހު ކުޅޭނީ ގުރޫޕުގެ އެންމެ ގަދަ ގައުމު ކަމަށްވާ މަޑަގަސްކަރައާ އެވެ.
ރާއްޖެ މި މުބާރާތަށް ދިޔައީ ޓީމުގެ ވަރަށް ސީނިއާ ތިން ކުޅުންތެރިއަކު ނުލަ އެވެ. އެއީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ކީޕަރު އިމްރާނު މުހައްމަދާއި މިޑްފީލްޑަރު އަދި ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އެވެ. މީގެ ތެރެއިން ގައުމުން ބޭރުގައި ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ބަކާ އާއި ދަގަނޑޭ އަށް ނުދެވުނީ އެ ދެ ކުޅުންތެރިންގެ ކުލަބުން ރިލީޒް ނުލިބުމުންނެވެ. އިމްރާން ހުރީ އަނިޔާގަ އެވެ.
މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ޓީމު ރޭ ބަލިވީ މަޔޯއްޓޭ އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިންނެވެ. މެޗުގައި ޕެނަލްޓީ ޖެހީ ދެ ޓީމު 1-1އިން އެއްވަރުވުމުންނެވެ.