ޖޭއެސްސީ

ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ޖޭއެސްސީން އެކުލަވާލި ރިޕޯޓް މަޖިލީހަށް ފޮނުވަނީ

ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ، ސުޕްރީމް ކޯޓުން، އެކޮމިޝަނާއި ރައްޔިތުންގެ މަޖިލީސް އަދި އަދި އެހެނިހެން މުއައްސަސާތަކުގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް، އެ ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެކަން ދިރާސާކުރި ކޮމިޓީން، ތައްޔާރުކުރި ރިޕޯޓުގައި ހުށަހަޅާފައިވާ ގޮތަށް ފާސް ކުރުމަށް ފަހު މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ރިޕޯޓްގައިވާ ކަންކަން ޖޭއެސްސީއިން ހާމައެއް ނުކުރެ އެވެ. އެއީ މަޖިލީހަށް ފޮނުވާ ރިޕޯޓެއް ކަމުން ޖޭއެސްސީއިން އޭގެ ތަފްސީލްތައް އާންމުކޮށް ހާމަކުރަން ނިންމާފައިނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ގއ. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގައިވާ މުހައްމަދު އިބްރާހީމްއާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެއްގެ ގޮތުން އޭނާއަށް ނަސޭހަތް ދިނުމަށް ވެސް ނިންމާފައިވެ އެވެ.

މިއަދު ކުރިއަށް ދިޔަ ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ޖޭއެސްސީގެ ރައީސް އަބްދުﷲ އާރިފް، ނައިބު ރައީސް މަސްތޫރު ހުސްނީ، މެމްބަރު މުހައްމަދު ނަޝީދު، މެމްބަރު އަބްދުއްރައޫފް އިބްރާހީމް، މެމްބަރު ޑރ. އަލީ ޝަމީމް އަދި މެމްބަރު އަބްދުއްމާނިއު ހުސެއިނެވެ.