ހުޅުމާލޭގައި ވިޔަފާރި ބޭނުމަށް ބޭނުން ކުރަމުން ދިޔަ އަތިރިމަތި ސަރަހައްދުގައި ކުރަމުންދިޔަ ވިޔަފާރިތައް ހުއްޓުވުމަށްފަހު، އެތަނުގައި އެމްޑަބްލިޔުއެސްސީން ހޮޅި ވަޅުލުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދުގެ ވަގުތެއްގައި ހުޅުމާލޭ ހިންގާ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭ އަތިރިމަތި އެއްކޮށް ހުސްކޮށްގެން ނޫނީ ފެށެން ނެތް ކަމަށް ބުނި މަސައްކަތް، އަދި އެއްވެސް ވަރަކަށް ފެށިފައި ނުވާ ކަމަށެވެ.
ހުޅުމާލޭ އަތިރިމަތީގައި ހިންގި ކޭފޭތަކާއި ރެސްޓޯރެންޓުތަށް ސަރުކާރުން ހުސްކުރީ މިދިޔަ މަހު 31 ވަނަ ދުވަހު އެވެ. އެތަން ހުސްކުރީ، ހުޅުމާލޭގެ ފޭސް ދޭކުން އެކަކަށް ފެންހޮޅި ވަޅުލުމުގެ މަސައްކަތް ކުރަން ވެގެންނެވެ. ވިޔަފާރިތަކަށް ހުޅުމާލޭ އަތިރިމަތި ހުސްކުރަން އެންގުމުން، ގިނަ ވިޔަފާރިވެރިން އެކަމާ ދެކޮޅު ހަދާ ޝަކުވާކޮށްފަ އެވެ.
"ހުޅުމާލެ ބީޗު ހުސްކުރި ފަހުން އެއް މަސް ވަނީ، މުޅި ބީޗު އެއްފަހަރާ ހުސްކޮށްގެން ނޫނީ ފެށެން ނެތް ކަމަށް ބުނި މަސައްކަތް އެގޮތަށް ހިނގާތަނެއް ނުފެނޭ" މުއިއްޒު ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ކޮޅަށް ބުރަވެ ހުރި މުއިއްޒު އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް ތަރައްގީކޮށް ނިންމާލީ ވިޔަފާރިތަކަށް އެއްވެސް ވަރަކަށް ދަތިނުކޮށް، ވިޔަފާރިވެރިންނާ މަޝްވަރާކޮށްގެން ކަމަށެވެ. މުއިއްޒު ވިދާޅުވީ، މަޖީދީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިރުވެސް ވިޔަފާރިތަށް ހުރީ ހުޅުވާފައި ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރުން މާލޭގެ އެންމެ ވިޔަފާރިތަށް ގިނަ މަޖީދީމަގު ހަދާ ނިންމީ މުޅި މަގު ބަންދުކޮށްގެނެ ނޫން، ވިޔަފާރިތަކުގެ ފުލް ސަޕޯޓާއެކު" މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލޭ އަތިރި މަތީގައި ވިޔަފާޜި ކުރަމުން ދިޔަ ފަރާތްތަކުން ވަނީ ވަކި އުސޫލެއްގެ ތެރެއިން ކުއްުޔާއެކު އަލުން އަތިރިމަތި ހުޅުވާލަން އެޗްޑީސީގައި އެދިފަ އެވެ. ނަމަވެސް މިކަމާ އެއްވެސް ވަރަކަށް އެޗްޑީސީން އިޖާބަދީފައެއް ނުވެ އެވެ. ހުޅުމާލޭ އަތިރި މަތީގައި ވިޔަފާރިތަށް ހިންގުމުގެ ސަބަބުން މޫދަށް އެރެން ނުދެވޭ ކަމަށް ބުނެ އާންމު ވެސް ވަނީ މީގެ ކުރިން ޝަކުވާކޮށްފަ އެވެ.