ބާ ކައުންސިލް

ޖޭއެސްސީއަށް އިސްލާހު ގެންނަ ބިލް ބާ ކައުންސިލުން ދިރާސާކުރަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލް ދިރާސާ ކުރަން ބާ ކައުންސިލުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލްގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޖޭއެސްސީގެ ދަށުން ހިންގާ މުއައްސަސާއެއް ކަމަށް ބަދަލު ކުރުމަށް ހިމަނާފައި ވެއެވެ. މި ގޮތަށް ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅީ ސަރުކާރުންނެވެ.

އެ ބިލުގައި، ޖޭއެސްސީގައި މަގާމުގެ ހައްސިއްޔަތުން ނޫން ގޮތަކަށް ތިބޭ މެމްބަރުންގެ ޝަރުތުތަކަށް ބަދަލު ގެނައުމާއި ޖޭއެސްސީގެ ނިންމުންތައް އިސްތިއުނާފު ކުރަން ކޯޓަށް ނުދެވޭ ގޮތަށް ހެދުމާއި އިސްތިއުނާފް ކޮމެޓީއެއް އުފައްދަން ވެސް ބިލުގައި ހިމާނަފައިވެ އެވެ.

މީގެ އިތުރުން ޑީޖޭއޭގެ ބައެއް މަގާމުތަށް ހުސްވާ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނާފައި އެވެ. އެގޮތުން އެބިލް ގާނޫނަކަށް ވުމާއެކު ޖޫޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލާގެ މަގާމު ހުސްވެ އެވެ.