ބިލްޑްއެކްސް މޯލްޑިވްސް 100 ވަރަކަށް ސްޓޯލާއެކު ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ރަސްމީ ފެއާ ކަމަށްވާ "ބިލްޑް އެކްސް މޯލްޑިވްސް" ހުޅުއްވައި ދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ޝްރީ ސަންޖޭ ސުދީރް އެވެ.
ބިލްޑް އެކްސް މޯލްޑިވްސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމްއެންއޭސީއައި އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ 45 ވަނަ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ އާއި ރާއްޖޭގެ އިގްތިސާދު ދަނީ ހަލުވިކަމާއެކު ކުރިއެރުން ތަކެއް ހޯދަމުން ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލު ތަކެއް އަންނާނެކަމުގެ އުންމީދުތައް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
"ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް އުފެއްދި އެސްޑީއެފްސީގެ ސަބަބުން ކުދި ވިޔަފާރިތަކެއް އުފެއްދި، އިމާރާތް ކުރުމުގެ ދާއިރާއަށް ނުކުންނާނެ. އަދި ގުޅީފަޅާއި މާލެ ގުޅާލުމުގެ ސަބަބުން ވިޔަފާރި އާއި އިގްތިސާދަށް ކުރިއެރުން ލިބިގެން ދާނެ،" ޖަނާހު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ އިންޑިއާއަކީ އަބަދު ވެސް ރާއްޖޭގެ ބައިވެރިއެއް ކަމަށާ، ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު މި ގުޅުން އިތުރަށް ވަރުގަދަ ވެގެން ގޮސްފައިވާ ކަމަށެވެ. މިގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެ ފަހަރެއްގެ މަތިން ރާއްޖެ އަށް ވަޑައިގެން، އިންޑިއާ އިން ރާއްޖެ އަށް ގިނަ އެހީ ތަކެއް ދެއްވާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ބިލްޑްއެކްސް ފެށުމުގެ ގޮތުން ހާއްސަ މެހުމާނުންގެ ގޮތުގައި ޔޫރަޕިއަން އިންޓަނޭޝަނަލް ކޮންޓްރެކްޓާ އެސޯސިއޭޝަން (އީއައިސީ) ގެ ރައީސް ފިލިޕް ޑޯސޭ އާއި ސިންގަޕޫރު ކޮންޓްރެކްޓާސް އެސޯސިއޭޝަން ލިމިޓެޑް (އެސްސީއޭއެލް) ދެވަނަ ވައިސް ޕްރެޒިޑެންޓް ކެރެންތް ލޫ ބައިވެރިވެވަޑައިގަތެވެ. މި ދެ ބޭފުޅުންގެ ޝަރަފުގައި އެމްއެންއޭސީއައިގެ ފަރާތުން ވަނީ ހާއްސަ ހަނދާނީ ފިލައެއް ދީފަ އެވެ.
ބިލްޑް އެކްސް ކުރި އަށް ދާނީ މި މަހުގެ 22 އިން 24 އަށް ދަރުބާރުގޭގަ އެވެ. މި ފެއާގައި ބޭރުގެ 10 ގައުމަކުން ބައިވެރިވެފައިވެ އެވެ. މި ފެއާގައި ބައިވެރިކޮށްފައިވާ ކުންފުނިތަކުން ދަނީ ރިސޯޓު ކޮންސްޓްރަކްޝަންގެ ހުރިހާ އުފެއްދުންތަކެއް ދައްކާލަމުންނެވެ. މި ފެއާގައި ސްރީލަންކާ އާއި އިންޑިއާ އަދި ތައިލެންޑުގެ އިތުރުން ނިއުޒިލޭންޑް އާއި މެލޭޝިއާ އަދި ޔޫއޭއީ އާއި އިޓަލީގެ ކުންފުނިތަކުން ބައިވެރިވެފައިވެ އެވެ.
ބިލްޑްއެކްސް މޯލްޑިވްސް ފެއާގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިންނެވެ. މީގެ އިތުރުން އެހެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އާއި ޓީޓީއެސް މޯލްޑިވްސް އަދި މޯހަން މުތާ ކޮންސްޓްރަކްޝަން އެވެ.