ސުޕްރީމް ކޯޓް

ޖޭއްއްސީގެ ރިޕޯޓުގައި ސުޕްރީމް ކޯޓުން ގާނޫނާ ހިލާފުވި ގިނަ މައްސަލަތައް

ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓުގައި ގާނޫނު އަސާސީއާ ގާނޫނު ތަކާއި ހިލާފަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުތަކުގެ ތަފްސީލީ ރިޕޯޓު އާންމުކޮށްފި އެވެ.

ޖޭއެއްސީއިން ބުނީ މި ރިޕޯޓަކީ ސުޕްރީމް ކޯޓުން، އެ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީސް އަދި އެހެނިހެން މުއައްސަސާތަކުގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް، އެ ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެކަން ދިރާސާކުރި ކޮމިޓީން، ތައްޔާރުކުރި ރިޕޯޓެއް ކަމަށެވެ. ޖޭއެއްސީގެ ކޮމެޓީގައި ހިމެނޭ ފަސް މެމްބަރުން ސޮއިކޮށް އާންމުކުރި މި ރިޕޯޓުގައި 17 މައްސަލައެއް ފާހަގަކޮށްފަވެ އެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށެހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއިދުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން ދައުލަތުން ކުރި އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އެ ނިންމުން ތިން އަހަރު ފަހުން އަލުން ބަލައި ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ވެސް ޖޭއެއްސީގެ އެ ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ފާހަގަކުރި ސުޕްރީމް ކޯޓުން ހިލާފުވި ކަންކަން

  • ރައްޔިތުންގެ މަޖިލީހާއި ޖޭއެއްސީއަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، މަޖިލީހާއި ޖޭއެއްސީގެ މަސައްކަތަށް ހުރަސްއެޅުން
  • ޖޭއެއްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލައި އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން ހަވާލުވުން
  • ކޯޓު ތަކުގެ ގާނޫނުގެ އަށް ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާއަށް އުވާލުން
  • ވަކީލުންގެ ކަންކަން ރެގިއުލޭޓް ކޮށް ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
  • ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓު ތަކުގައި މަސައްކަތް ކުރުން މަނާ ކުރުން
  • ދަށު ކޯޓު ތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވާއިދެއް ހަދައި، ގާނޫނުގެ ދަށުން ޖޭއެއްސީއަށް ދީފައިވާ ބާރުތައް ނެގުން
  • ޖޭއެއްސީގެ ގާނޫނާއި ހިލާފަށް ފަނޑިޔާރަކު މަސްއޫލިޔަތުތަކާއި އެކަހެރިކުރުން
  • އިލެކްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސުގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވާކަމަށް ނިންމާ މަގާމުން ވަކިކުރުން
  • ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުުރުން
  • ސުޕްރީމް ކޯޓުން އިސްނަގައިގެން ހިއުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ކަނޑުވާލައި އެ ކޮމިޝަނުން އަމަލުކުރަންޖެހޭ ގައިޑްލައިނެއް ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުން
  • ފަނޑިޔާރުންގެ ފެންވަރުގެ ވަޒަންކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެއްސީއަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅުން
  • ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއި ކުރުމުން މެމްބަރު ކަމުން ވަކި ވާނެ ކަމަށް ކަނޑައެޅުން
  • 1 ފެބްރުއަރީ 2018 ގައި ކުރި އަމުރުގެ ބައިތައް ސުޕްރީމް ކޯޓުން ބާތިލްކުރުން
  • ސުޕްރީމް ކޯޓުގެ ސާކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓު ތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމު ގާނޫނު ހެދުން

މީގެ އިތުރަށް ރިޕޯޓުގައި ބުނީ އިސްތިސްނާފުކުރުމުގެ މުއްދަތު ކުޑަކޮށް، އެ މުއްދަތާ ގުޅޭގޮތުން ކޯޓު ތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި ރައީސުންނާއި ނައިބު ރައީސުންނާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސުންނާއި އަދި ފަނޑިޔާރުންގެ އިތުބާރު ނެތް ކަމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެ ނިންމުމެއް ސުޕްރީމް ކޯޓުން ކަނޑައެޅި ނިންމުމަކީ ވެސް ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.