ހަބަރު

ސަރުކާރަށް ނުވަމަސްވީއިރު އެއްވެސް މަޝްރޫއެއް ނުފަށާ: މުއިއްޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ނުވަ މަސް ދުވަސް ވީއިރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރަށް ނުވަ މަސް ދުވަސް ވެގެންދިޔަ އިރު، ތަރައްގީގެ އެއްވެސް މަޝްރޫއެެއް ފަށާފައި ނުވާ ކަމަށެވެ. ނަމަވެސް މަޝްރޫތައް ނިންމާ ވާހަކަ ދައްކާ ކަމަށެވެ، އެހެން ނަމަވެސް ކަމެއް ނުފަށާ ކަމެއް ނިންމާނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ގެނައި ގެދޮރުވެރިކަމުގެ މަޝްރޫތަކަކީ މި ސަރުކާރުން މަޝްރޫތަކެއް ކަމަށް ބުނަމުން ގެންދާ ކަމަށާއި، އަމިއަލަ މީޑިއާގައި ދައުލަތުގެ މީޑިއާގައި ވެސް އެ ވާހަކަަތައް ސަރުކާރުން އެގޮތަށް ދައްކާ ކަމަށެވެ.

"މިސަރުކާރުން ކުރި އެެއްވެސް މަސައްކަތެއް، މަޝްރޫއެއް ނެތް އަދި މި ރާއްޖެއަކު އެއް، ނުވަ މަސްވެގެން ދިޔައީ އިނގޭތޯ. ސަރުކާރެއް އައިސް ނުވަމަސް ވެގެންދިޔައީ އަދި ނެތޭ އެއްވެސް މަޝްރޫއެއް ފަށާފަ އެއް. ދެން ކިހިނެތްތޯ ނިންމާނީ. އެހެން ނަމަވެސް، ރައީސް ޔާމީން ނިންމަވާފައި ހުރި ފްލެޓްތަކާއި ހައުސިން ޔުނިޓްތައް ތިމަންނަމެން ކޮށްފައި އޮތް މަސައްކަތެއް ކަމަށް ވިދާޅުވެ، ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާފައިހުރި މީހުން އަތުން ފްލެޓްތަކުގެ އޯނާޝިޕް ވަކިކޮށް، އެކި ގޮތްގޮތް ހަދަމުންދާތަން މި ފެންނަނީ. ކަނޑައެޅިގެން ބޮޑެތި އަނިޔާ ދެމުން ގެންދަނީ" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އެކަންކަމަކީ ރައްޔިތުންގެ ހިތުން ފިލައިގެންދާނެ ކަންކަން ނޫން ކަމަށާއި، ރައްޔިތުން މަޑަކުން ނުތިބޭނެ ކަމަށެވެ. އަދި އޭގެ ނަތީޖާ ލޯކަލް ކައުންސިލް އިންތިހާބުން ފެންނާނެ ކަމަށެވެ.