ހަބަރު

އަންހެން ފަނޑިޔާރުންގެ މައްސަލާގައި އިލްމުވެރިން ހިޔާލު ތަފާތު!

ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިވަޑައިގެންފަ އެވެ. ރައީސް ސޯލިހު އެގޮތަށް އެދިވަޑައިގަތުމާއެކު، އެކަމަށް އެންމެ ބޮޑު މަރުހަބާ ދަންނަވާ ޓްވީޓެއް ކުރެއްވީ އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ. ޝިދާތާއަކީ ގިނަ އިލްމުވެރިންތަކެއް ހިމެނޭ އަދާލަތު ޕާޓީގެ ވެސް އިސް މަގާމެއް ފުރުއްވާ ބޭކަނބަލެކެވެ.

ރައީސް ސޯލިހު ސުޕްރީމްކޯޓަށް އައްޔަން ކުރުމަށް ލަފައަކަށް އެދި ފޮނުއްވާފައި ވަނީ ޑރ. އަޒްމިރަލްޑާ ޒާހިރާއި އައިޝާ ސުޖޫން މުހައްމަދުގެ ނަމެވެ. އަޒްމިރަލްޑާ ކުރިން ހައިކޯޓުން 2016 ގައި އިސްތިއުފާ ދެއްވި އިރު، އެކަމަނާއަކީ ހައިކޯޓުގެ ބެންޗުގައި މިހާތަނަށް ހިމެނި ވަޑައިގެންނެވި ހަމަ އެކަނި އަންހެންބޭފުޅާ އެވެ. އަދި ސުޖޫން 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވި އިރު، އޭނާއަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ އެ ކައުންސިލަށް ވެސް ހޮވިވަޑައިގެންފަ އެވެ.

ރައީސް ސޯލިހުގެ ނިންމުމަށް މަރުހަބާ ދަންނަވާ ޝިދާތާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި، ހުޅުވިގެން މި ދަނީ ފަހި ފުރުސަތެއް ކަމަށެވެ. އަދި ދިވެހި އަންހެނުން ކެރިގެން ނިކުމެ ނިންމުންތައް ނިންމާ ފެންވަރުގެ މަގާމުތަކަށް ކުރިމަތިލައްވަން އެދޭ ކަމަށާއި، އެފަދަ ބޭފުޅުންގެ ފަހަތުގައި ހުންނެވި ކަން ޝިދާތާ ވަނީ ހާމަ ކުރައްވާފަ އެވެ.

މިނިސްޓަރު ޝިދާތާ ކުރެއްވި ޓުވީޓް

ޝިދާތާ އެފަދައިން ޓުވީޓް ކުރައްވާފައިވާ އިރު، އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ އިލްމުވެރިން ގެންދަވަނީ ރައީސް ސޯލިހުގެ އެ ނިންމެވުމަކީ އިސްލާމީ ޝަރީއަތާއި ހިލާފުވާ ކަމެއް ކަމަށް ވިދާޅުވެ އެކަން ބަދަލު ކުރުމަށް އެމަނިކުފާނަށް އިލްތިމާސް ކުރައްވަމުންނެވެ.

އެގޮތުން ޝެއިޙް އަލީ ޒައިދު ވަނީ އިސްލާމީ ގައުމެއްގެ އެންމެ އިސް ކޯޓަށް، ވަކިން ޙާއްސަކޮށް، ޖިނާއީ މައްސަލަތަކެއް ބަލަން އަންހެން ކަނބަލުން ގާޒީންގެ ގޮތުގައި އައްޔަން ކުރުމަކީ ކީރިތި ގުރުއާނާއި، ރަސޫލާގެ ހަދީސްތަކާއި ހިލާފު ބޮޑު މުންކަރާތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެގޮތަށް ދުނިޔޭގެ ބޮޑެތި އިލްމުވެރިން ފަތުވާ ދެއްވާފައިވާކަންވެސް ޝައިހް ޒައިދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވެސް ވަނީ ރައީސްގެ އެ ނިންމުމާއި ދެކޮޅުކަން ހާމަ ކުރެއްވުމަށް ޓުވީޓެއް ކުރައްވާފަ އެވެ. އެ ޓުވީޓުގައި ޑރ. އިޔާޒު ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ފަސާދަ ނުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޝައިހް އަލީ ޒައިދު ކުރެއްވި ޓުވީޓް

މީގެ އިތުރުން ދީނީ އިލްމުވެރިޔާ ޝައިހް ހަސަން މޫސާ ފިކުރީ ވަނީ އަންހެނުން ގާޒީ ކަމަށް އިސް ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އިސް ނުކުރެއްވުމަށް ރައީސް ސޯލިހުއަށް އިލްތިމާސް ކުރާކަމަށް ވިދާޅުވެފަ އެވެ. އަދި މާތްﷲ ބާވައިލެއްވި ޝަރީއަތުގެ ކަންކަން މީސްތަކުންގެ އަތްތަކުން މުގުރަމުން ގޮސް މެނުވީ ގިޔާމަތް ނުވާނެ ކަމަށް ޝައިހް ވަނީ ވިދާޅުވެފަ އެވެ.

ޝައިހް ފިކުރީ ކުރެއްވި ޓުވީޓް
ޑރ. އިޔާޒު ކުރެއްވު ޓުވީޓް

މި ބޭބޭފުޅުންގެ އިތުރުންވެސް، ވަރަށް ގިނަ އަދަދެއްގެ އިލްމުވެރިން ދަނީ ރައީސް ސޯލިހުގެ އެ ނިންމުމާއި ދެކޮޅު ހައްދަވާ އެކަން ބަދަލު ކުރުމަށް އިލްތިމާސް ކުރަމުންނެވެ. މިނިސްޓަރު ޝިދާތާ އެކަމަށް މަރުހަބާ ދަންނަވާފައިވާއިރު، ސަރުކާރުގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ރައީސްގެ އެ ނިންމެވުމާއި މެދު އަދި ވަކި އެއްޗެއް ވިދާޅުވެފައެއްނުވެ އެވެ. ދީނީ އިލްމުވެރިން އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންގެންދެވި ނަމަވެސް ރައީސްގެ އެ ނިންމުމަށް ވަރަށް ގިނަ ބަޔަކު ވަނީ މަރުހަބާވެސް ދަންނަވާފަ އެވެ.