ވިޔަފާރި

ކޮންސްޓްރަކްޝަން ސާވޭގެ ފަހުގެ އާލާތްތައް ދައްކާލައިފި

Aug 25, 2019

ދިވެހި ކުންފުންޏެއް ކަމަށްވާ ފޯސައިޓް ސާވޭއާސް އިން އިމާރާތް ކުރުމުގެ ދާއިރާ، ސާވޭ ކުރަން ބޭނުންކުރާ ފަހުގެ އާލާތްތައް ދައްކާލައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި ބިލްޑްއެކްސް މޯލްޑިވްސްގައި އަވަސް އަށް ވާހަކަ ދައްކަވަމުން، ފޯސައިޓް ކުންފުނީގެ ޑިރެކްޓަރު ފިރުދައުސް ހުސެއިން ވިދާޅުވީ ސާވޭ ކޮށްދޭ އެހެން ކުންފުނިތަކާ އެ ކުންފުންޏާ ހުރި ތަފާތަކީ ސާވޭކޮށް އަދި ސާވޭ ކުރަން ބޭނުންވާ ސާމާނު ފޯރުކޮށް ދިނުން ކަމަށެވެ.

"ކޮންސްޓްރަކްޝަން ދާއިރާގެ ހުރިހާ ވައްތަރެއްގެ ސާވޭކޮށް އަދި އެކަމަށް ބޭނުންވާ ސާމާނު ފޯރުކޮށް ދެން. އެންމެ ކުދިކުދި ސާވޭ ތަކަށް ބޭނުންވާ މީޓަރުން ފެށިގެން ބިން ހިއްކާ ސައިޓްތަކުގައި ބޭނުންކުރާ ބައުންޑްރީ ބަލާ ސާމާނު ވެސް ހިމެނޭ،" ފިރުދައުސް ވިދާޅުވި އެވެ.

ފިރުދައުސް ވިދާޅުވީ އެ ކުންފުނިން އެއްޗެއް ގަތުމަށްފަހު، އެ ތަކެތި އުމުރު ދުވަހަށް ސާވިސް ކޮށްދީ ބަލަހައްޓައިދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުން އެއްޗެއް ގަނެފިނަމަ ސާވޭ ކުރާ އެއްޗެއްގައި މައްސަލައެއް ޖެހުނަސް އެއްޗެއް ދީގެން ނަމަވެސް މަސައްކަތް ކުރިއަށްދާ ވަރުކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ބިލްޑްއެކްސް ފެއާގައި ދައްކާލަން ބަހައްޓާފައިވާ ސާމާނު ތެރޭގައި ސާވޭ ކުރަން ބޭނުންކުރާ، ރޮބެޓިކް ސްޓޭޝަން ތަކާއި ޖީޕީއެސްއިން މަސައްކަތް ކުރާ ސާވޭ ސާމާނުގެ އިތުރުން ބިން ހިއްކާ ކްރޭން ފަދަ މެޝިނަރީގައި އަޅުވާ މެޝިންތައް ވެސް ހިމެނެ އެވެ. މި އުފެއްދުން ތަނަކީ ޖަރުމަނުގެ ޖިއޯމެކްސް ބްރޭންޑުގެ ސާމާނެވެ.