ކޮމަންވެލްތު ޖަމިއްޔާ

ކޮމަންވެލްތު އެސެސްމަންޓް ޓީމެއް ރާއްޖެ އަތުވެއްޖެ

Aug 24, 2019
2

ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ދެވަނަ އެސެސްމަންޓް ޓީމް މިއަދު މެންދުރު ރާއްޖެ އަތުވެއްޖެ އެވެ. ކޮމަންވެލްތުގެ ޓީމެއް ރާއްޖެއަށް އައީ އަލުން އެ ޖަމާއަތުގެ މެމްބަރަކަށް ވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައި ވަނިކޮށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު އައި ކޮމަންވެލްތު ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއާ ޑިރެކްޓަރު މިސް ކެޓަލައިނާ ސަޕްލޯ ކަމަށާއި ކޮމަންވެލްތު ޓީމުގެ ދަތުރުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުޢީ ދާއިރާގެ ބައެއް ފަރާތްތަކާބައްދަލު ކުރައްވާނެ ކަމަށެވެ.

ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް އައީ އެ ޖަމާއަތުގެ މެމްބަރުކަން އަލުން ރާއްޖެއަށް ދޭން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެދިވަޑައިގަތުމާއި ގުޅިގެން މިދިއަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫން މަހު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަތްޕުޅަށް އަރުވާފައެވެ.