ހަބަރު

ކޮމަންވެލްތުގެ ދައުރު ފުޅާ ކުރަން ރާއްޖެ އެހީވާނެ: ރައީސް

Mar 9, 2020
3

ކޮމަންވެލްތުން ދުނިޔޭގައި އަދާ ކުރަމުންދާ ދައުރު ފުޅާ ކުރަން ރާއްޖޭން ވެސް އެ ޖަމިއްޔާ އާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުވައިފި އެވެ.

މިއަދު ފާހަގަ ކުރާ ކޮމަންވެލްތު ދުވަހާ ގުޅިގެން، ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޖަމިއްޔާގެ 54 ގައުމަށް މަރުހަބާ ވިދާޅުވެފަ އެވެ.

އަދި މިދިޔަ މަހު ރާއްޖެ އަލުން ކޮމަންވެލުތާ ގުޅުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ރާއްޖެއަށް ލިބުނު ފަހުރެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ޖަމިއްޔާ ދުނިޔޭގައި އަދާކުރާ ދައުރު ފުޅާކުރަން ރާއްޖޭން ވެސް އެ ޖަމިއްޔާ އާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުންނެވެ.

ރާއްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅީ ޑިސެންބަރު 7، 2018 ގައެވެ. އެއީ ވެރިކަމުގެ ހުވާ ކުރެއްވިތާ 20 ދުވަސް ފަހުންނެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ކެބިނެޓް ފާސްކޮށް، އެކަމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ލިބުމާ ގުޅިގެން ރައީސް ސޯލިހު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ވަނީ ސިޓީއެއް ފޮނުއްވައި ރާއްޖެ އަލުން ކޮމަންވެލްތްގައި ބައިވެރިވާން ބޭނުންވާ ކަމަށް ދަންނަވާފައި ކަމަށެވެ. އެ ސިޓީގައި ރައީސް ސޯލިހު ވަނީ ރާއްޖެއިން ކޮމަންވެލްތްގެ ޗާޓަރު ގަބޫލުކޮށް އެ ޖަމާއަތުން ނަގަހައްޓާ އުސޫލުތަކަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.

ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގެ މެންބަރަކަށްވީ، ޖުލައި 9، 1982 ގަ އެވެ.