ހަބަރު

މިރޭ ފެށުނު އާ އަހަރާ އެކު ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

މިރޭ ފެށުނު އާ އަހަރާ އެކު މާލޭ އާއި ހުޅުމާލޭގައި އެކި ބާވަތްތަކުގެ ކުށްތައް އާންމުވެ އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ފަށައިފި އެވެ.

މިރޭ ފުލުހުން ފެށި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތީ އަތުލައިގަންނަމުންދާއިރު ވައްކަމުގެ މައްސަލަތަކުގައި ވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް ހެދުން އަޅައިގެން މަގުމަތީގައި އުޅުނު ތިން އަންހެނަކު ވެސް ފުލުހުން މިރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

މިހާތަނަށް ފުލުހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު 23 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ. އަދި ޔޫކްރެއިން އަށް ނިސްބަތްވާ މީހަކު ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ސިއްހަތަށް ވަރަށް ނުރައްކާތެރި ބާވަތެއް ކަމަށް ވާ އެލްއެސްޑީ ކަމަށް ޝައްކު ކުރެވޭ އެއްޗެހި ވެސް ވަނީ ފެނިފަ އެވެ. އެ ބާވަތުގެ މަސްތުވާތަކެތި 2013 ގައި ރާއްޖޭގައި އާންމުވުމާ އެކު އެއަށް ސަމާލުވާން އޭރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެންގި އެވެ.