ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކަށް ބާރުތައް ދިނުމަށް ގޮވާލައި ދެ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ލޯކަލް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށެވެ. ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި ގަރާރުގައިވާ ގޮވާލާފައި ވަނީ ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމަށާއި ރަށްރަށުގެ މުއްސަނދިކަން އެ ރަށަކަށް ލިބި ދިނުމަށެވެ.
ވައްޑޭ ހުށަހެޅުއްވި ގަރާރުގައި ލޯކަލް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ހަތަރު ކަމެއް ކުރުމަށް ގޮވާލާފައިވެ އެވެ. އޭގެ ތެރޭގައި ކޮންމެ ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ފަސް ޕަސަންޓަށްވާ ފައިސާ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން ކައުންސިލްތަކަށް ލިބިދިނުން ހިމެނެ އެވެ. އަދި އެ ފައިސާއިން އެ އަހަރަކަށް ކުރުމަށް ކަނޑައަޅާ މަސައްކަތްތައް ވެސް ކައުންސިލްތަކުގެ ދަށަށް ބަދަލުވާ ކަން މަޖިލީހުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ގަރާރުގައިވެ އެވެ.
އޭގެ އިތުރުން، ބިމުގެ ކުލީގެ ގޮތުގައި ސަރުކާރަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން ކައުންސިލްތަކަށް ލިބިދޭން ޖެހޭ ކަމަށް ވައްޑެގެ ގަރާރުގައިވެ އެވެ. އަދި ކައުސިލްތަކަށް ދޭ ފައިސާ ބޭނުން ކުރުމާ ގުޅޭ އުސޫލުތަކާއި އެ ފައިސާއާ ގުޅިގެން އުފެދޭ އިދާރީ އަދި މާލީ ޒިންމާތަައް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށް އެ ގަރާރުގައިވެ އެވެ.
އަލީ ނިޔާޒު ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮންމެ ރަށެއްގެ ސަރަހައްދުގައި ހިމެނޭ ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނާއި، އެފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީ ނިސްބަތް ވަނީ އެ ރަށެށްގެ ރަށު ކައުންސިލަށް ކަމަށް މަޖިލީހުން ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކުން ލިބޭ އާމްދަނީ އިން ރަށު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި އުމްރާނީ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތް ގާނޫނުގައި ބަޔާން ކުރުން ގަރާރުގައިވެ އެވެ.
އަލީ ނިޔާޒުގެ ގަރާރުގައިވާ ގޮތުން ކޮންމެ ރަށެއްގެ ސަރަހައްދަކީ އެ ރަށެއްގެ އުރަފުށުން ފެށިގެން 500 މީޓަރުގެ ސަރަހައްދެވެ. އެއް ފަޅެއްގައި މީހުން ދިރިއުޅޭ ދެ ރަށް ހިމެނޭނަމަ އެ ދެ ރަށުގެ ސަރަހައްދަކީ، ދެ ރަށުގެ ދެމެދުން ހަމަހަމައަށް ވަކިކޮށްލުމުން ކޮންމެ ރަށަކަށް ޖެހޭ މިންވަރު ލިބޭ ގޮތަށް ހަދަން ނިޔާޒުގެ ގަރާރުގައިވެ އެވެ.
ލޯކަލް ކައުންސިލްތަކަށް ބާރު ދިނުމަށް ގޮވާލައި މަޖިލީހަށް ދެ ގަރާރެއް ހުށަހަޅާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން އެ ޕާޓީން ބޭއްވި ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަކުރެއްވި ބައެއް ކަންކަން ވެސް އެ ގަރާރުތަކުގައި ހިމެނެ އެވެ.