އާންމު ތަނެއްގައި މުސްލިމަކާ ދިމާއަށް ލާދިނީ މީހެކޭ ބުނުން ކުށަކަށް ހަދަން އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހާ ދެކޮޅަށް ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު ވެސް ތެދުވެއްޖެ އެވެ.
ހިސާން ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ މޭޔަރު އިސްމާއީލް ތެދުވެފައި މިވަނީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ފުވައްމުލައް ސިޓީ ތަމްސީލް ކުރައްވާ ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވާފައި ވަނިކޮށެވެ.
މިބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި ފުވައްމުލަކު ސިޓީގެ ތިން މެންބަރުންނަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު އެވެ.
މި ތިން ބޭފުޅުންގެ އިތުރުން އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވެސް ހިސާން ބިލާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވާފަ އެވެ. ސަނީފް ވަނީ ބިލްގެ ބަހުސްގައި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވުމުގެ އިތުރުން ބިލް އަނބުރާ ގެންދިއުމަށް ވެސް ގޮވާލައްވާފަ އެވެ.
ހިސާން ބިލް މަޖިލީހުން ފާސް ކުރުމާ ދެކޮޅު ކަން އިސްމާއީލް މިއަދު ހާމަކުރެއްވީ އެ ބިލާ ދެކޮޅަށް ފުވައްމުލަކުގެ މަޖިލިސް މެންބަރުން ވޯޓު ދެއްވާފައިވާ ކަމަށް ބުނެ އަވަސްގައި އިއްޔެ ޝާއިއު ކުރި ޚަބަރު ފޭސްބުކްގައި ހިއްސާކުރައްވަމުންނެވެ.
އިސްމާއީލް ވިދާޅުވީ ހިސާން ބިލްގެ ބައެއް މާއްދާތައް އިބާރާތްކޮށްފައި ހުރި ގޮތުން ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ އެ ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ފުވައްމުލަކުގެ މަޖިލިސް ތިން މެމްބަރުން ވެސް ވޯޓު ދެއްވާފައިވާތީ އިސްމާއީލް ވަނީ އެ ތިން މެންބަރުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
"ހިޔާލުފާޅު ކުރުން ހަނިކޮށްގެންވެސް އަދި އެނޫން ގޮތަކަށްވެސް ދީނީ ޝިއާރު ފައުޅުކުރުމަށް ނުވަތަ ދީނާ ދެކޮޅު ފަރާތްތަކާ ދެކޮޅަށް ބަސްބުނުމަށް ހުރަސްއެޅޭ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ހެދިގެން ނުވާނެ،" ހިސާން ބިލާ ދެކޮޅު ހަދަންޖެހޭ ސަބަބުތަކެއް ފާހަގަކުރައްވަމުން އިސްމާއީލް ވިދާޅުވެފައިވެ އެވެ.
ހިސާން ބިލާ ދެކޮޅަށް ވޯޓު ދެއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އިއްޔެ 'އަވަސް' އަށް ވިދާޅުވީ އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެ ބިލްގެ ބައެއް މާއްދާތައް އިބާރާތްކޮށްފައި ހުރި ގޮތުން ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
"ހާއްސަކޮށް ބިލްގެ ފުރަތަމަ ދެ މާއްދާ އޮތް ގޮތުން ހިޔާލުފާޅުކޮށްގެން ޖިނާއީ ދައުވާއެއް ކޮށް އަދަބެއް ދެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވާ ކަމަކަށް ވާތީ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނީ،" ހުސައިން ވިދާޅުވި އެވެ.
ހިސާން ބިލް ހުށަހެޅުއްވީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށެވެ. ސަރުކާރުން ސްޕޮންސާ ކޮށްގެން ހިސާން ހުށަހެޅުއްވި މި ބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހިމަނުއްވާފަ އެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
މުސްލިމަކު ކާފަރުކޮށް އެ މީހާއާ މެދު އަނިޔާވެރިވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއެއް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ހިސާންގެ މި އިސްލާހާ މެދު އަދި ބައެއް މާއްދާތަކުގައި ބޭނުން ކޮށްފައިވާ އިބާރާތާއި، ބައެއް މާއްދާތައް ތަރުޖަމާ ކުރެވޭ ގޮތް ވަރަށް ފުޅާކޮށް އޮތުމަކީ ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އިސްލާހު ހުށައެޅި ހަގީގީ މަގުސަދާ މެދު އެތައް ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.