މުސްލިމަކާ ދިމާއަށް ލާދިނީ މީހެކޭ ބުނުން ކުށަކަށް ހަދަން އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވޯޓު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މިބިލްގެ އިބްތިދާއީ ބަހުސް ނިންމާލުމަށްފަހު ބިލް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ހުޅުވާލުމުން ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ 38 މެންބަރުންނެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް 17 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
މިބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ ހުރިހާ މެންބަރުން ވެސް ހިމެނެ އެވެ. އެގޮތުން ބިލާ ދެކޮޅަށް ވޯޓު ދެއްވި ފުވައްމުލަކު ސިޓީގެ ތިން މެންބަރުންނަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު އެވެ.
މި ތިން ބޭފުޅުންގެ އިތުރުން ހިސާންގެ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ. އޭނާ ވަނީ ބިލްގެ ބަހުސްގައި ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވުމުގެ އިތުރުން ބިލް އަނބުރާ ގެންދިއުމަށްވެސް ގޮވާލައްވާފަ އެވެ.
ހިސާންގެ ބިލާ ދެކޮޅަށް އިތުރަށް ވޯޓު ދެއްވީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އިތުރުން ޖޭޕީގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު އުޝާމް އާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ މިއަދު 'އަވަސް' އަށް ވިދާޅުވީ ހިސާންގެ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ އެ ބިލްގެ ބައެއް މާއްދާތައް އިބާރާތްކޮށްފައި ހުރި ގޮތުން ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
"ހާއްސަކޮށް ބިލްގެ ފުރަތަމަ ދެ މާއްދާ އޮތް ގޮތުން ހިޔާލުފާޅުކޮށްގެން ޖިނާއީ ދައުވާއެއް ކޮށް އަދަބެއް ދެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވާ ކަމަކަށް ވާތީ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނީ،" ހުސައިން ވިދާޅުވި އެވެ.
ހިސާންގެ ބިލް ބަލައިގަތުމާ މެދު ގޮތެއް ނިންމި ވޯޓުގައި ވަކި ގޮތަކަށް ވޯޓު ދޭން އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ނިންމުމެއް ނިންމާފައި ނުވާ ކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވަނީ ވިދާޅުވެފަ އެވެ.
ހިސާން ބިލް ހުށަހެޅުއްވީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށެވެ. ސަރުކާރުން ސްޕޮންސާ ކޮށްގެން ހިސާން ހުށަހެޅުއްވި މި ބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހިމަނުއްވާފަ އެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
މުސްލިމަކު ކާފަރުކޮށް އެ މީހާއާ މެދު އަނިޔާވެރިވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއެއް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ހިސާންގެ މި އިސްލާހާ މެދު އަދި ބައެއް މާއްދާތަކުގައި ބޭނުން ކޮށްފައިވާ އިބާރާތާއި، ބައެއް މާއްދާތައް ތަރުޖަމާ ކުރެވޭ ގޮތް ވަރަށް ފުޅާކޮށް އޮތުމަކީ ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އިސްލާހު ހުށައެޅި ހަގީގީ މަގުސަދާ މެދު އެތައް ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.