ހަބަރު

ސުޕްރީމް ކޯޓަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއުކުރަން މިރޭ ފަށަނީ

Aug 25, 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމުގެ ކަންތައް މިރޭ ފަށާނެކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފާސްކުރުމާ ގުޅިގެން ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ ކުރިމަތިލައްވައިފަ އެވެ.

މިގޮތުން އެންމެ މަތީ ކޯޓުގެ ބެންޗަށް ކުރިމަތިލައްވާފައި ވަނީ މީގެ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

އޭގެ އިތުރުން، ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެ ބޭފުޅެއްގެ ނަން ފޮނުއްވައިފަ އެވެ. ރައީސް ސޯލިހު ނޮމިނޭޓް ކުރައްވާފައިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު އާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫން އެވެ.

ޖޭއެސްސީން ބުނީ އެ ހަ ބޭފުޅުންނާ އިންޓަވިއުކުރުމުގެ ކަންކަން މިރޭ 7.00 އިން ފެށިގެން ކުރިއަށް ގެންދިއުމުގެ އިތުރުން، އެ އިންޓަވިއުތައް ރެކޯޑް ކުރުމަށްވެސް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓު އާ ގާނޫނު އަސާސީން ވުޖޫދު ކުރި ފަހުން އަންހެން ބޭފުޅުން އެކޯޓުގެ ބެންޗަށް ނޮމިނޭޓްކުރި މިއީ ފުރަތަމަ ފަހަރެވެ.

ޑރ. އަޒްމިރަލްޑާ ޒާހިރު ހައިކޯޓުން 2016 ގައި އިސްތިއުފާދެއްވި އިރު، އެކަމަނާއަކީ ހައިކޯޓުގެ ބެންޗުގައި މިހާތަނަށް އިންނެވި ހަމަ އެކަނި އަންހެންބޭފުޅާއެވެ. އަދި ސުޖޫން 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވި އިރު، އޭނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައިވާދަކޮށް، އެކައުންސިލަށްވެސް ހޮވިވަޑައިގެންފަ އެވެ.

ނަމަވެސް ބައެއް ދީނީ އިލްމްވެރިން ދަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ. އަންހެން ފަނޑިޔާރުން ހުއްދަ ނޫން ކަމަށް ބުނެ ފަތުވާ މަޖިލީހުން ވަނީ ފަތުވާއެއް ވެސް ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްގައި ވެސް ގިނަ މެންބަރުން ވަނީ ސުޕްރީމް ކޯޓު އެއްކޮށް ބަދަލު ކުރުމަށް ގޮވާލައްވާފަ އެވެ. މިހާރު ސުޕްރީމް ކޯޓަށް ނުކުންނަވާ މަސައްކަތް ކުރައްވަނީ ހަތަރު ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.

ފަނޑިޔާރު ގަނީއާއެކު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލައި އޭނާ ފަނޑިޔާރު ކަމުން ވަކި ކުރަން ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. އޭނާ ވަނީ ދިރިއުޅުން ރާއްޖެއިން ބޭރަށް މިހާރު ބަދަލު ކުރައްވާފަ އެވެ. ވަރަށް އަވަހަށް އޭނާ ވަކި ކުރަން ޖޭއެސްސީއިން މަޖިލީހަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ. ފަނޑިޔާރު ދީދީ، ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.