ހަބަރު

އުކުޅަހުގެ ކޮންވެންޝަން ސެންޓަރު ހުޅުވައިފި

އަމީން ކޮންސްޓަރްކަޝަން ޕްރައިވެޓް ލިމިޓެޑުން އއ. އުކުޅަހުގައި ހެދި ކޮންވެންޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.

އުކުޅަހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންވެންޝަން ސެންޓަރު ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ މި ސެންޓަރުން އުކުޅަހުގައި ވިޔަފާރިތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ވެސް ކޮންފަރެންސްތައް ބޭއްވުމުގެ އިތުބާރު އާވެގެން ދާނެ ކަމަށެވެ.

"މި ސެންޓަރުގެ ސަބަބުން އުކުޅަހަށް އިތުރު ކުރިއެރުން ލިބިގެންދާނެ އަދި އިތުރު ވިޔަފާރިތަކަށް ފުރުޞަތު ލިބިގެންދާނެކަން ޔަގީން. ރާއްޖޭގައި ވެސް މިފަދަ ކޮންފަރެންސްތައް ބޭއްވޭނެ ކަމުގެ އިތުބާރު އާވެ، ރާއްޖެ އަށް ރީތި ނަމެއް ލިބިގެންދާނެ" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ރަށްތައް ލާމަރުކަޒީ ކޮށް ކައުންސިލްތައް ބާރުވެރިކޮށްގެން އާމްދަނީ ހޯދޭނެ ގޮތްތައް ކައުންސިލްތަކަށް ފަހިކޮށްދީގެން ކަމަށެވެ.

"މި ޖަޒީރާވަންތަ ރާއްޖެ ތަރައްޤީކުރެވޭނީ، ލާމަރުކަޒީ ކުރުމަށް އިސްކަންދީގެން. ކައުންސިލްތައް ބާރުވެރި ކުރުވައިގެން. އާމްދަނީ ހޯދާނެގޮތްތައް ކައުންސިލްތަކަށް ފަހިކޮށްދީގެން."

25 ދުވަހުގެ ތެރޭގައި ނިންމި މި މަޝްރޫއަކީ މިހާތަނަށް އެންމެ ބާރު ސްޕީޑްގައި ނިމިގެން ދިޔަ މަޝްރޫއެކެވެ. ހަތަރު ސަތޭކަ މީހުންގެ ޖަގައިގެ އެ ކޮންވެންޝަން ސެންޓަރަށް 20.8 މިލިއަން ރުފިޔާ ހޭދަ ކުރި އެވެ. އޭގެ ތެރެއިން 14.8 މިލިއަން ރުފިޔާއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިން ފައިސާ އެވެ.