ހަބަރު

ދެ މަޝްރޫއަަކަށް އިންޑިއާގެ ހިލޭ އެހީގެ ހަމަޖައްސައިދީފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ ހިލޭ އެހީގެ ދަށުން ދެ މަޝްރޫއެއް ހިންގަން ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ހަމަަޖައްސައިދީފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ވަކި ވަކީން ނެރުނު ދެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދެ މަޝްރޫއެއް ހިންގަން އިންޑިއާ ސަރުކާރުން ދީފައިވާ ހިލޭ އެހީއަކީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެއަށް ދޭން އެއްބަސްވި 100 މިލިއަން ދިވެހި ރުފިޔާގެ ތެރެއިން ފޯރުކޮށްދިން ހިލޭ އެހީގެ ދަށުން ހަމަޖައްސައިދިން ފަންޑު ކަމަށެވެ.

ރާއްޖެއަށް ދޭން އިންޑިއާއިން އެއްބަސްވި ހިލޭ އެހީގެ ދަށުން ދެ މަޝްރޫއު ހިންގަން ފޯރުކޮށްދީފައި ވަނީ 14.8 މިލިއަން ރުފިޔާ އެވެ. މި ފައިސާއިން ހަރަދު ކުރާނީ އއ. އުކުޅަހުގައި ގާއިމު ކުރާ ބައިނަލްއަގްވާމީ ކޮންވެންޝަން ސެންޓަރާއި ދ. ވާނީގައި ގާއިމު ކުރާ ފުލުހުންގެ ޓްރެއިނިން ސްކޫލުގެ މަޝްރޫއަށެވެ.

އުކުޅަހުގައި ބައިނަލްއަގްވާމީ ކޮންވެންޝަން ސެންޓަރެއް ގާއިމު ކުރަން އިންޑިއާއިން ފޯރުކޮށްދީފައި ވަނީ 7.8 މިލިއަން ރުފިޔާ އެވެ. ވާނީގައި ފުލުހުން ޓްރެއިނިން ސްކޫލަށް 7 މިލިއަން ދިވެހި ރުފިޔާ އެވެ.

އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައިވާ 100 މިލިއަން ރުފިޔާގެ އެހީގެ ދަށުން މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސާދީ ފައިދާއަށް ރާއްޖޭގައި ހިންގާ އެކި މަޝްރޫއުތަކަށް ފަންޑު ހަމަޖައްސައިދޭނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ކުރެއްވި މަޝްވަރާތަކަށްފަހު ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް މާލީ އެހީތަކެއް ދިނުމަށް ނިންމާފަ އެވެ. އެ ގޮތުން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާއިން ވަނީ އެއްބަސްވެފަ އެވެ.