ރައްޔިތުންގެ މަޖިލިސް

އިސްލާހު ކުރި މަޖިލީހުގެ ގަވާއިދު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީގެ މަސައްކަތް ނިންމައި، އިސްލާހު ކުރި ގަވާއިދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާހު ކުރި ގަވާއިދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ.

ގަވާއިދު އިސްލާހު ކުރި ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ "އެޖެންޑާ 19" މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން ހިމެނެ އެވެ.

އެ ގޮތުން މެންބަރުން ހާޒިރުވެވަޑައިނުގަންނަވާ ޖަލްސާތަކަށް އެ މެންބަރެއްގެ މުސާރައިން އުނިކުރުން ހިމެނެ އެވެ. އަދި މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލީ މީހުންގެ މާލީ ހިސާބުތައް އާންމުކުރުން ލާޒިމު ކުރުން ވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ޓެކްސްއާއި މާލީ އިނާޔަތްތައް ފަދަ ފައިސާއާ ގުޅުން ހުރި ބިލުތައް ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށް ހިމެނެ އެވެ.

ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކޮމިޓީ ރިޕޯޓަށް 52 އިސްލާހު ހުށަހެޅުއްވި އެވެ. މަޖިލީހުގެ ތަޅުމުން ވަނީ އެއިން ކޮންމެ އިސްލާހަކަށް ވަކިވަކިން ވޯޓަށް އަހައިފަ އެވެ. އޭގެ ތެރެއިން ފަސް އިސްލާހެއް ފިޔަވައި އެހެން ހުރިހާ އިސްލާހެއް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތުފާގުން ފާސްކުރި އެވެ.

ކޮމިޓީ ރިޕޯޓަށް ހުށަހެޅި، ފާސްކޮށްފައިވާ އިސްލާހުތަކުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާ ބިލުތަކާއި ގަރާރުތަކާއި ކުއްލި މައްސަލަތަކުގައި ކުއްލި މައްސަލަތަކުގައި ގާނޫނު އަސާސީއާއި ހިލާފު އެއްވެސް ކަމެއް ވާތޯ ބެލުމަށް ފަހު މަޖިލީހުގެ ކައުންސިލާ ޖެނެރަލްގެ ގާނޫނީ ލަފާ މެންބަރުންނަށް ފެންނާނެ ގޮތަށް ދިނުން ހިމެނެ އެވެ.

ކޮމިޓީތަކުން ދިރާސާ ކުރުމަށް ފަހު ތަޅުމަށް ފޮނުވާ ރިޕޯޓުތަކުގައި ވެސް ގާނޫނު އަސާސީއާ ހިލާފު ކަންކަން ބެލުމަށް ފަހު ކައުންސިލަ ޖެނެރަލްގެ ގާނޫނީ ލަފާ ދޭން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި ކޮމިޓީ ރިޕޯޓުތަކަށް މެންބަރުން ހުށަހަޅާ އިސްލާހުތަކުގައި ވެސް ގާނޫނު އަސާސީއާ ހިލާފު ކަމެއް ހިމެނޭ ބަލައި ކައުންސިލަ ޖެނެރަލް ގާނޫނީ ލަފާ ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން މަޖިލީހުގެ ކޮންމެ ޖަލްސާއެއް ފެށުމުގެ ކުރިން ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ އަދަދާއި، ސަލާމުގައި ތިއްބެވި މެންބަރުންގެ އަދަދާއި، ރަސްމީ ދަތުރުތަކުގައި ތިއްބެވި މެންބަރުންގެ އަދަދު މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރަން ވާނެ ކަމަށް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

މަޖިލީހުގެ މެންބަރުން ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމަށް އެ ދާއިރާއެއްގައި އެ މެންބަރަކު އޮފީހެއް ގާއިމު ކުރާނަމަ މަޖިލީހުގެ އިދާރާގައި އެ އޮފީސް ރަޖިސްޓްރީ ކުރަން ވާނެ ކަމަށް ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

މަޖިލީހުގެ ކޮމިޓީއަކަށް މީހަކު ހާޒިރު ކުރަން ބޭނުންވާނަމަ އެ މީހަކަށް ފަސް ދުވަހުގެ މުއްދަތުގެ ނޯޓިސްއެއް ދޭން ޖެހޭނެ ކަމަށާއި ނަމަވެސް ކުއްލިއަކަށް ދިމާވާ ބޮޑު މައްސަލައަކާ ގުޅިގެން ވަގުތުން ކޮމިޓީއަކަށް މީހަކު ހާޒިރު ކުރަން ޖެހޭނެ ހާޒިރު ކުރެވޭނެ ކަމަށް އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސް އަމަލުކޮށްފިނަމަ ނިޒާމީ ނުކުތާއެއްގެ ގޮތުގައި އެ ކަން ފާހަގަކުރުމުގެ ހައްގު މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިގެންވާ ކަމަށާއި ޖަލްސާއިން ބޭރުގައި ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސް އަމަލުކޮށްފިނަމަ ކޮންމެ މެންބަރެއް ވެސް ލިޔަކުން މަޖިލީހަށް ފޮނުވުމުގެ ހައްގު ލިބޭ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ ކަމަށް މަޖިލީހުގެ ރައީސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.