ހަބަރު

މެންބަރުން ތެދު ބަހުން ވާހަކަ ދައްކަން ހުށަހެޅި އިސްލާހެއް ފާހެއް ނުކުރި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މަޖިލީހުގެ މެންބަރުން ތެދު ބަހުން ވާހަކަ ދައްކަން ލާޒިމު ކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވުމުން، މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްނުކުރަން ނިންމައިފި އެވެ.

މަޖިލީހުގެ ގަވާއިދަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ ތެރެއިން 47 މެންބަރުންނެވެ.

އެ އިސްލާހު ފާސްކުރަން ތިން މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ އެއީ ވިލިނގިލި ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފު އުމަރު، އަދި ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދެވެ. އަދި ގެމަނަފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސައީދު ވަކިކޮޅަށް ވޯޓު ދެއްވަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅު ހުވާކުރި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލި އެވެ. އެ ކޮމިޓީގެ ރިޕޯޓު މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހެޅުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިތުރު 52 އިސްލާހެއް ހުށަހަޅައިފަ އެވެ.

އެއިން ކޮންމެ އިސްލާހަކަށް ވަކިވަކިން ވޯޓަށް އެހި އެވެ. އަދި ފަސް އިސްލާހެއް ފިޔަވައި އެހެން ހުރިހާ އިސްލާހެއް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި މިދިޔަ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި މަޖިލީހުގެ ގަވާއިދަށް ގެންނާނެ ކަމަށް ބުނެފައިވާ އިސްލާހުތައް ވެސް ހިމެނެ އެވެ.

އެ ގޮތުން މަޖިލީހުގެ މެންބަރުން ހާޒިރުވެވަޑައިނުގަންނަވާ ޖަލްސާތަކަށް އެ މެންބަރެއްގެ މުސާރައިން އުނިވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނަ އެވެ. އަދި މެންބަރުންނާއި މެންބަރުންގެ އާއިލީ މީހުންގެ މާލީ ހިސާބުތައް އާންމު ކުރަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވެ އެވެ.

އޭގެ އިތުރުން މަޖިލީހަށް ހުށަހެޅޭ ކަންކަމަކީ ގާނޫނު އަސާސީއާ ހިލާފު ކަންކަންތޯ ބަލައި މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ގާނޫނީ ލަފާ ހުރިހާ މެންބަރުންނަށް ފެންނަ ގޮތަށް ހުށަހަޅަން ޖެހޭނެ ކަމަށް ހިމެނެ އެވެ. އަދި މަޖިލީހުގެ މެންބަރުންގެ ދާއިރާ ރައްޔިތުންނާ ބައްދަލުކުރަން އެ ދާއިރާއެއްގައި އޮފީހެއް ގާއިމުކުރާނަމަ މަޖިލީހުގެ އިދާރާގައި އެ އޮފީހެއް ރަޖިސްޓްރީ ކުރަން ވެސް އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.