ހަބަރު

ކޮމިޓީގައި ޔަޒީދަށް ބޮޑެތި ތުހުމަތުތަކެއް، އޭނާ ދޮގު ކުރެއްވި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދު ދެމެދު މުއާމަލާތްތަކެއް ކުރި ކަމަށާއި އޭގެ ބައެއް މައުލޫމާތު ފޮރުވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު މަޖިލީހުގެ ކޮމިޓީގައި ބައެއް މެންބަރުން ކުރައްވައިފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ބައެއް ކަންކަން ފޮރުވަން އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބާއި ޔަޒީދާ ދެމެދު ކުރެއްވި މުއާމަލާތްތަކުގެ ޗެޓް ލޮގެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުތަކެއް ޔައުގޫބު ޔަޒީދަށް އަމާޒު ކުރެއްވި އެވެ.

ޔައުގޫބު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޔަޒީދު ވިދާޅުވީ އެ ޗެޓް ލޮގްތަކަކީ އެއްވެސް ހަގީގަތެއް އޮތް ޗެޓް ލޮގްތަކެއް ނޫން ކަމަށެވެ. އަދި އެއްވެސް މައްސަލައެއްގައި އަދީބާއެކު އެ ގޮތަށް މުއަމާލާތް ކޮށްފައި ނުވާނެ ކަމަށެވެ. އެ ގޮތުން އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ވެސް އަދި އެހެން މައްސަލަތަކުގައި ވެސް މުއާމަލާތް ކުރީ އެ އޮންނަ އުސޫލުތަކުގެ ތެރެއިން މީރާގެ އިދާރާ މެދުވެރިކޮށް ލިޔުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓަރު އަދީބާ އަޅުގަނޑު ބައްދަލު ކުރި ހަނދާނެއް ނުވޭ، އަދި ތިފަދަ ގޮތަކަށް ޗެޓެއް މެދުވެރިކޮށް މުއަމާލާތް ކުރި ހަނދާނެއް ވެސް ނުވޭ، ތިއީ އަސްލު ޗެޓް ލޮގްތަކެއް ކަމަށް ވެސް ގަބޫލެއް ނުކުރެވޭ،" ޔަޒީދު ވިދާޅުވި އެވެ.

ޔަޒީދު އެހެން ވިދާޅުވުމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވަނީ އެފަދަ އެއްވެސްް ކަމެއް ނުވާނަމަ އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓް އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތު އޮޑިޓް އޮފީހަށް ދިނުމަށް މީރާއިން ދެކޮޅު ހެދީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެ ގޮތަށް ދެކޮޅަށް ހެދިކަން އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައިވާ ކަން ވެސް މެންބަރު ޣަފޫރު ފާހަގަކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ ރިޕޯޓުގައި އޮޑިޓް އޮފީހުން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ހޯދަން މަސައްކަތް ކުރި މައުލޫމާތުތައް ނުލިބުމުން ފަހުން އެ މައުލޫމާތުތަކާއި އިތުރު މައުލޫމާތުތައް ހޯދުމަށް މީރާއިން މައުލޫމާތު ހޯދަން އުޅުމުން އެ ކަމާ އެ އިދާރާއިން ދެކޮޅު ހެދި ކަމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ޔަޒީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން މައުލޫމާތު އޮޅުން ފިލުމަށް ސާފުކުރި ކަމަށާއި އެ ގޮތުން އެންމެ ފުރަތަމަ އެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަތް އެއް ކުންފުނި، މޮންޓެލިއަން ކުންފުނީގެ މައުލޫމާތު ކަމަށެވެ.

އޭގެ ފަހުން ކުންފުންޏެއްގެ ޓެކްސް ރިޓާން މައުލޫމާތު ދިނުމަށް ވެސް އޮޑިޓް އޮފީހުން އެދުނު ކަމަށާއި ނަމަވެސް އެއީ ޓެކްސް ޕެޔަރެއްގެ ޒާތީ މައުލޫމާތަށްވުމުން އެ ކަން މީރާގެ ބޯޑުގައި އެޖެންޑާ ކުރި ކަމަށް ޔަޒީދު ވިދާޅުވި އެވެ. އަދި އެ ގޮތަށް ޓެކްސް ޕެޔަރެއްގެ ޒާތީ މައުލޫމާތު އެ ގޮތަށް ދެވެން ނެތް ކަމަށް ގާނޫނުގައި ބުނެފައިވާތީ މީރާއިން ނިންމީ އެ ގޮތަށް ޓެކްސް ޕެޔަރެއްގެ މައުލޫމާތު ހާމަ ނުކުރުމަށް ކަމަށެވެ.

ޔަޒީދު ވިދާޅުވި ގޮތުގައި މީރާގެ މެންޑޭޓްގެ ތެރޭގައި އެމްއެމްޕީއާރުސީގެ ފައިސާ ޖަމާ ކުރުން ނުހިމެނެ އެވެ. އަދި ވިދާޅުވީ އެމްއެމްޕީއާރުސީއާ ރަށްރަށް ދޫކުރުމަށް އޭރުގެ ސަރުކާރުން ހަވާލުކުރީ އެ ރަށްރަށުގެ އެކިއުޒިޝަން ކޮސްޓަކީ ދައުލަތަށް ލިބޭ ފައިސާގެ ބަދަލުގައި ސީދާ އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާގެ ގޮތުގައި ކަމަށެވެ.

"އެމްއެމްޕީއާރުސީ ކޭސްގައި ވެސް މީރާއިން އަމަލުކުރީ އެހެން ކޭސްތަކުގައި ވެސް މީރާއިން އަބަދުވެސް އަމަލު ކުރާ އުސޫލުތަކުގެ ތެރޭގައި، އެއްވެސް އުސޫލަކާ ހިލާފުވެފައެއް ނޯންނާނެ، އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާ ކަލެކްޓް ކުރުމަކީ މީރާގެ މެންޑޭޓްގައި އޮންނަ ކަމެއް ނޫން، މީރާގެ މެންޑޭޓުގައި އޮންނާނީ ޓެކްސް ކަލެކްޓް ކުރުން،" ޔަޒީދު ވިދާޅުވި އެވެ.