ހަބަރު

އޭޑީބީގެ ރައީސް، ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކަހިކޯ ނަކައޯ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

ދެ ބޭފުޅުން ވަނީ އޭޑީބީއާ ރާއްޖެއާ ދެމެދު އޮތްގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންނާއި ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތައް ތަރައްގީ ކުރަން ލޯނުގެ އެހީތެރިކަން ހޯދުމާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި އޭޑީބީގެ ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފައިދާ ގިނަ ރައްޔިތުންނަށް ބެހިގެންދާނެ ގޮތެއްގެ މަތީން ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގެސްޓްހައުން ވިޔަފާރި މިހާރަށްވުރެ ފުޅާކުރުމުގެ މުހިންމު ކަންވެސް އޭޑީބީގެ ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކުރިޔަށްހުރި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޒިންމާދާރުކަމާއެކު ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަންކަން ކުރިޔަށްގެންދެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އޭޑީބީގެ ރައީސް ވަނީ ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތު ބައްޓަންކުރެވި ހަރުދަނާ ގޮތެއްގައި ކުރިއަށް ދާކަން ފާހަގަކުރައްވާފައެވެ.