ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިއްހީ އިންޝުއަރެންސްގެ ނިޒާމް ހަރުދަނާކުރާނަން: ރައީސް

ހިތުގެ ބަލީގައި ގިނަ ކުދިންގެ ފުރާނަ ގެއްލިއްޖެ ކަމަށާއި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިޖްތިމާއީ އަދި ސިއްހީ އިންޝުއަރެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ އެ ނިޒާމު ހަރުދަނާކޮށް ފުރިހަމަކުރަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އުފަންވާއިރު ތުއްތު ކުދިން އުފަންވާއިރު ކުރިމަތިވާ ހިތުގެ މައްސަލަތަކަކީ ސިއްހީ ބޮޑު މައްސަލައެއް ކަމަށާއި އެ ނިޒާމް ހަރުދަނާ ކުރަން އާސަންދައާއި އެންސްޕާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހިތުގެ ބަލި ފަދަ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ، ދުޅަހެޔޮ މުޖުތައެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި، އަޅުގަނޑުމެން މިހާރު ހިމަނާފައިވާ ކަމެއް." ރައީސް ވިދާޅުވި އެވެ.

އެ ކުދިންނަށް ރަނގަޅު ސިއްހީ ނިޒާމެއް މީގެ ކުރީގައި ބިނާކުރެވިފައި ނެތީ ބަޔަކު މީހުން އެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އުފާވެރި އާއިލާއެއް ބިނާކުރަން ގޮންޖެހުންތައް އެބަހުރި ކަމަށާއި މި ސަރުކާރުން އެ ގޮންޖެހުންތައް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

"އުފާވެރި އާއިލާއެއް ބިނާކުރަން ގޮންޖެހުންތައް އެބަހުރި. މި ސަރުކާރުން މިހާރު އަންނަނީ އެ ގޮންޖެހުންތައް ނައްތާލަން މަސައްކަތްތައް ކުރަމުން." ރައީސް ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޓައިނީ ހާޓްސްގެ ހިދުމަތުގެ ކާމިޔާބީ ފާހަގަކުރަނީ ރާއްޖެއިން އެކަނި ނޫން ކަމަށާއި ވޯލްޑް ހާޓް ފެޑެރޭޝަނުގެ މެމްބަރުކަން 2017 ވަނަ އަހަރު ލިބުމަކީ މުޅި ރާއްޖެ އަށް ލިބުން ޝަރަފެއް ކަން ފާހަގަ ކުރައްވާފަ އެވެ.

"ޓައިނީ ހާޓްސްގެ ހިދުމަތުގެ ކާމިޔާބީ ފާހަގަކުރަނީ ހަމައެކަނި މިރާއްޖެއަކު ނޫން. ވޯލްޑް ހާޓް ފެޑެރޭޝަންގެ މެމްބަރުކަން، 2017 ވަނަ އަހަރު ޓައިނީ ހާޓްސްއަށް ލިބުމަކީ، މުޅި ގައުމަށް ލިބިގެން ދިޔަ ޝަރަފެއް." ރައީސް ވިދާޅުވި އެވެ.