ސީނިއާ ކުޅުންތެރިން ވިސްނަނީ ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލާއި ސޯޝަލް މީޑިއާ އާއި އަންހެންކުދިންނަށް ކަމަށް ގައުމީ ފުޓްބޯޅަ ކޯޗު ވެލީޒާ ޕޮޕޯފް ބުނީ އިއްޔެރޭގަ އެވެ. އެއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުރަތަމަ މެޗުގައި މަޔޯއްޓޭ އަތުން ރާއްޖެ 3-1އިން ބަލިވުމުންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި މުހައްމަދު އުމޭރު ޖެހި ލަނޑުން ރާއްޖެ މި މެޗުގައި ލީޑް ވެސް ހޯދި އެވެ. ބަލިވި ދެ ގޯލު ވަނީ ފަހު ހަތް މިނިޓުގަ އެވެ.
އެކަމަކު އަދި ހާސްވާކަށް ނުޖެހެ އެވެ. މުބާރާތުގައި އަދި ރާއްޖެ އަށް ދެ މެޗު އެބައޮތެވެ. ދެ ވަނަ ބުރަށް ދިއުމަށް ވެސް އަދި ހުރަހެއްނެތެވެ. ކަންމިހެން އޮތްއިރު ހުރިހާ ކުޅުންތެރިން މޯޅިކޮށްލައި، މުޅި ގައުމުގެ އުއްމީދުތައް ވިއްސިވިހާލި ކޮށްލާފަދަ ވާހަކައެއް ކޯޗު ކުއްލިއަކަށް މިފަޅާލީ ކީއްވެ ހެއްޔެވެ؟ ވިސްނާލާށެވެ.
ގައުމީ ކޯޗު ބަލްގޭރިޔާގެ ވެލީޒޯ ޕޮޕޯފް އެންމެ ފުރަތަމަ ރާއްޖެ އައީ 2012 ވަނަ އަހަރު ނިއު ރޭޑިއަންޓަށެވެ. ބަލިނުވެ އެފްއޭކަޕާއި ދިވެހި ލީގު ކާމިޔާބުކޮށް ނިއުރޭޑިއަންޓް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ގެންގޮސްދިނެވެ. އެއިރު ނިއުގައި އޮތީ މި ސަރަހައްދުގައި ވެސް ނެތް ފެންވަރުގެ މޮޅު ޓީމެކެވެ. އެއިރުގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރެއިން ނިއުގައި ނެތީ މުހައްމަދު އާރިފް (ބަކާ) އާއި އަސްއަދު އަލީ (އަޑުބަރޭ) އެކަންޏެވެ. އެތަން ފޫބައްދަން ބިދޭސީ މޮޅު ކުޅުންތެރިން ޕޮޕޯފްއަށް ލިބުނެވެ.
ނިއުގައި ހޯދި ކާމިޔާބީތަކުން ފަހިވި ފުރުސަތުތަކެއްގައި ސީޒަން ނުނިމެނީސް ޕޮޕޯފް ކުލަބު ދޫކޮށްލީ [ބޮޑު މުސާރައަށް] އޮމާނުގެ ސޫރު ސްޕޯޓްސްއާ ހަވާލުވުމަށެވެ. އޭގެ ފަހުން އޭނާ ހުރީ ތައިލެންޑްގަ އެވެ. ގައުމީ ޓީމަށް އައީ ކޯޗުކޮށްދޭނެ ޓީމެއްނެތި ދުވަސްކޮޅަކު ހުރުމަށްފަހު އެވެ. އޭނާ ކޯޗުކޮށްދިން ކުރީގެ ކުޅުންތެރިއެއްގެ [ބާރުގައި] ގައުމީ ކޯޗުކަން ލިބުމަށްފަހު ޕޮޕޯފަށް އަދި މޮޅެއް ނުލިބެ އެވެ. ދައްކަނީ ހުސްބަހަނާ އެވެ.
ކޯޗު އަބަދުވެސް ދައްކާނީ ޓީމުގައި ނުކުޅެ ހުރި ކުޅުންތެރިއެއްގެ ވާހަކަ އެވެ. އެކަމަކު އޭނާގެ ބަހަނާތައް ފަށާނީ މާޗު މަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެމެޗުން ބަލިވުމުން ކޯޗު ބުނީ ފިޓްނަސް ދަށް ވާހަކަ އެވެ. ދަގަނޑޭ އާއި އޮއްޕޮ އަދި ސެންޓޭ ނެތް ވާހަކަ އެވެ. ދެން އައީ ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރު މެޗެވެ. މެޗުގެ އެންމެ ފަހު ވަގުތު ބަލިވުމުން ބުނީ "އެމީހުން މޮޅުވަންދެން ރެފްރީ ކުޅުވީ،" ކަމަށެވެ. ދެން އައީ ހޮންކޮން މެޗެވެ. ބަލިވުމުން ބުނީ ކީޕަރު 'އިމްރާނަށް އަނިޔާވުމުން މެޗު ގޯސްވީ،" ކަމަށެވެ. މައްސަލައެއްނެތެވެ. އަދި މި ދެ މެޗުގެ ކުރިން މި ސީޒަނުގެ ކުރީކޮޅު އަނިޔާވެފައިވާ ބޮކުރީ ނެތްވާހަކަ ވެސް ނަގަނަގާފައި ދައްކަ އެވެ. މިއީ ރަނގަޅު ޝަކުވާތަކަކަށް ވެސް ވެދާނެ އެވެ. އެކަމަކު އުފެދޭ ސުވާލަކީ ފިޓްނަސް ދަށް ކަމަށްވާނަމަ ގޯހީ ގައުމީ ޓީމުގެ 90 ޕަސެންޓް ކުޅުންތެރިން ނިސްބަތްވާ މާޒިޔާ އާއި ނިއުގެ ކޯޗުން ކުރި މަސައްކަތް ހެއްޔެވެ؟ ވަކި ކުޅުންތެރިއަކު ނެތިގެން ކޯޗު މައްސަލަ ޖައްސާވަރެއްނޫނެވެ. ކޮރެޔާ އާއި ޗައިނާ އަދި އިރާނާއެކު ގައުމީ ޓީމު ކުޅުނުފަދަ ކުޅުމެއް ގަތަރާ ދެކޮޅަށް ކުޅުނު ހެއްޔެވެ؟
ގައުމީ ކޯޗުކަމުގެ ފުރަތަމަ ދުވަސްކޮޅު މި ކޯޗު ވަރަށް ރަނގަޅެވެ. ހުރިހާ ކުލަބުތަކެއްގެ ޕްރެކްޓިސް މޮނީޓަރ ކުރެ އެވެ. ކޯޗުންނާ މަޝްވަރާކުރެ އެވެ. ނަމަވެސް ފަހުންފަހުން އައިސް ކުލަބުތަކުގެ ޕްރެކްޓިސް ބަލާކަށް އޭނާ އަށް ވަގުތުނުވެ އެވެ. ހަވީރު ޓާފް ދަނޑަށް ދިޔަ ނަމަވެސް ނިއު އާއި މާޒިޔާ ޕްރެކްޓިސް ލޮލުގެ ކުޑަކޮޅުން އަވަސް އަވަހަށް ބަލާލާފައި އެހާއަވަހަށްދަނީ އެވެ.
ދެން ފެންނަން ފެށީ ދުވަހަކު ވެސް ގައުމީ ކޯޗެއްގެ ކިބައިން ނުފެންނަ ކަންކަމެވެ. ކުޅުންތެރިންގެ ސައިކަލްގައި ފަހަތުގައި އުޅޭތަނެވެ. ބައެއް ކުޅުންތެރިންނާއެކު މަޖާކުރަން ރެސްޓޯރަންޓް ތަކުގައި ޝީޝާއަށް އިންސާފުކުރާތަން ގިނަގިނައިން ފެންނަންފެށި އެވެ. އަނެއްބައި ކުޅުންތެރިން ކޯޗުގެ އަންހެނުންގެ އުފަންދުވަސް ފާހަގަ ކުރަން ބޮޑެތި ޕާރްސަލް ހިފައިގެން ގޮސް ފޮޓޯނަގައި އެންމެން އެކީގައި ކައްކާ މަޖާކުރި ފޮޓޯތައް ސޯޝަލް މީޑިޔާތަކުގައި އާއްމުވި އެވެ. މިކަން މިހެންވަމުންދިޔައިރު ކޯޗުގެ ބައެއް ފެވަރިޓުން "ކަލޭގެ ބަދަލުގައި އެތަނަށް ކުޅޭނީ ދެން މަ،" ކަމަށް ވެސް ބުނަމުންދިޔަ އަޑުއިވެން ފެށި އެވެ.
ގައުމީ ޓީމު ދެކުނު ކޮރެޔާ އަށް ކުރި ޓްރޭނިން ކޭމްޕަކީ ވަރަށް ގިނަކަންކަން ހިނގާދިޔަ ދަތުރެއް ކަމަށްވެ އެވެ. މެނޭޖަރާއި އެސިސްޓެންޓް ކޯޗުން ނެތީސް އެމީހުންނަށް ނޭނގި ކޯޗު ބައެއް ނުރަސްމީ މީޓިންތައް ބޭއްވިކަމަށް އެތަނުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން ބުނެ އެވެ. ވަކިވަކި ކުޅުންތެރިން ގެނެސް އެމީހުންގެ ކުލަބުގެ ޓެކްޓިކްސްއާ ބެހޭ ގޮތުން ސުވާލުކޮށް، ކުޅުންތެރިން ދޭ ޖަވާބުން ކުޅުންތެރިންނަށާއި ކުލަބުތަކުގެ ކޯޗުންނަށް ޖޯކުޖަހައި ހެދިކަމަށްވެ އެވެ. ބައެއް ކުޅުންތެރިން ކުލަބު ބަދަލު ކުރުމުން "ކަލޭ މިފަހަރު ތިދިޔައީ އެންމެ އަވަހަށް ރެލިގޭޓްވާނެ ކުލަބަށް،" ކަމަށް ވެސް ބުނެ ޖޯކު ޖަހާފައި އެބަހުއްޓެވެ.
މީގެ އިތުރުން ރާއްޖޭގެ ބޮޑު ކުލަބެއްގެ މުހިންމު މެޗެއް ކުރިއަށް އޮއްވައި އެ މެޗުގައި ނުކުޅުމަށް ކޯޗު ބައެއް ކުޅުންތެރިންނަށް ނަސޭހަތް ދީފައިވެސް އެބަހުއްޓެވެ.
"އަހަރުމެން ޕްރެކްޓިސް ކުރާއިރު ކޯޗު އައިސް ބައެއް ކުޅުންތެރިން ގެންގޮސްގެން އެބަހުރޭ (...........)އާ ވާހަކަ ދައްކަން. އެހެން ހުންނައިރު ވޯމްއަޕް ނިމުނަސް އޭނާ އަޅާވެސްނުލާ. ދެން އޭނާ ދިޔައިމަ ފަހުން އަހާލީމަ (ކުޅުންތެރިޔާ) އެބަބުނޭ ކޯޗު ބުންޏޭ ކަލޭ މާދަން މެޗުގައި ކުޅޭނެ ކަމެއްނެތޭ. މި މެޗުގައި ކުޅެގެން އިންޖަރީއެއްވެސް ވެދާނެއޭ. މި މެޗަށްވުރެ ކަލޭ މާ މުހިންމޭ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކުޅެން. މި ދެން ބޮޑުވަރެއްނު،" މިދިޔަ ތިން އަހަރު ވަރަށް ކާމިޔާބު ކުލަބެއްގެ އޮފިޝަލަކު ނަން ނުޖަހަން ޝަރުތުކޮށް ބުންޏެވެ.
މީގެ އިތުރުން ވެސް ކޯޗު ބައެއް ވިޔާނުދާ ކަންތައްތައް ކޮށްފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ގައުމީ ޓީމުން ޖާގަ ބޭނުންނަމަ އޭނާ އެދޭ ކުލަބަކަށް ކުޅުމަށް ބާރުއެޅުމެވެ. މިފަދަ އެއް މިސާލަކީ މި ފަހަރުގެ ގޭމްސް ފެށުމުގެ ކުރިން ގައުމީ ސްކޮޑުން ޖާގަދިން އޮސްޓްރިއާގެ ތިން ވަނަ ޑިވިޝަނުގައި ކުޅޭ އުމުރުން 18 އަހަރުގެ ދިވެހި ކުޅުންތެރިޔާ މަނީއު ރައޫފެވެ. އޭނާ ގައުމީ ޓީމުން ބާކީކޮށްފައި ކޯޗު ބުނެފައިވަނީ ކުރިއަށްއޮތްތަނުގައި ވެސް ގައުމީ ޓީމުން ޖާގަ ބޭނުންނަމަ ރާއްޖޭގެ ލީގުގެ އެންމެ ކުރީގައި އޮތް ދެ ޓީމުން ކުރެ ޓީމަކަށް ކުޅުމަށެވެ. އެ ދެ ޓީމަށް ދިއުމަކީ އެއްވެސް މައްސަލައެއްނޫނެވެ. އެކަމަކު ގައުމީ ޓީމަށް ނާރާ ޒުވާން ކުއްޖަކު ގައުމީ ޓީމުގެ 90 ޕަސެންޓް ކުޅުންތެރިން ހިއްސާވާ ދެ ކުލަބުންކުރެ ކުލަބަކަށް ގޮސްގެން އިންނަންޖެހޭނީ ބެންޗުގައިކަން ކޯޗަށް ހަމަނޭނގެނީ ހެއްޔެވެ؟
އަނެއް ކަމަކީ ކުޅުންތެރިންގެ ރުހުން ހޯދުމަށް އެހެން މީހުން ގޯސްކުރުމެވެ. އެންމެ ފުރަތަމަ ގައުމީ ޓީމު ނެގީ ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) ނުލަ އެވެ. އެއީ ޕީޕަލްސް ކަޕުގައި ސިންގަޕޫރު ލަޔަންސް ކުޅުންތެރިއެއްގެ ކަރަށް ފައިން އެރުމުން ފަސް މެޗަށް ސަސްޕެންޑްކޮށްފައި ހުރުމުންނެވެ. މިހެންވެ ކުލަބުތަކުން ނިންމީ ހޮކޭ އަށް ގައުމީ ޓީމުން ވެސް ފުރުސަތު ނުދޭށެވެ. އެކަމަކު ކުލަބު މީޓީން އަށް ފަހު ކޯޗު ބޮޑާހާކަން ފެށުމުން ހޮކޭ އަށް އެފްއޭއެމުން ފުރުސަތުދިނެވެ. މައްސަލައެއްނެތެވެ. އެކަމަކު މީގައި ވެސް ގޯސްކޮށް ކޯޗު ކުރި ކަމަކީ ކުލަބުތަކުން ނިންމި ގޮތް އެފްއޭއެމުން ތަންފީޒު ނުކުރަނީސް ކުޅުންތެރިޔާއާ ހަމައަށް އެވާހަކަ ފޯރުކޮށްދިނުމެވެ.
އެފްއޭއެމުގެ މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް ބުނާ ވާހަކައަކީ ގައުމީ ޓީމަށް ރަނގަޅު މެޗުތަކެއް ހޯދައިދޭނެ ވާހަކަ އެވެ. ގައުމުން ބޭރަށް ގޮސްގެން ވެސް ވަރުގަދަ މެޗުތަކެއް ކުޅެން ބޭނުންވާ ވާހަކަ އެވެ. އެކަމަކު މިހާތަނަށް ގައުމީ ޓީމާއެކު މެޗު ކުޅެން އެފްއޭއެމަށް ހަތަރު ފުރުސަތުލިބުނުއިރު ގައުމީ ޓީމު އޮތީ އަރާމުގައި ޕްރެކްޓިސް ކޮށްލަކޮށްލަ އެވެ. އިންޑިޔާއިން ރާއްޖެ އައިސް މެޗު ކުޅެން ހުށަހެޅި އެވެ. ޕިލިޕީންސާއި އެނޫން ގައުމުތަކުން ވެސް ރާއްޖެއާއެކު މެޗު ކުޅެން ޝައުގުވެރިވި އެވެ. ފުރުސަތުގެ ބޭނުންނުކުރަނީ ހެއްޔެވެ؟
"ކޯޗު ބޭނުމެއްނުވޭ ޕްރެކްޓިސް މެޗެއް ކުޅޭކަށް. އެއީ ބަލިވެދާނެތީވެ. އޭނާ ބޭނުމެއްނުވޭ އޭނާގެ ރެކޯޑް ހަޑިވާކަށް. އޭނާ ބޭނުންވަނީ ގަތަރު ނުވަތަ ޗައިނާ ކަހަލަ ބަޔަކާ އެކު ޑްރޯއެއް ކޮށްލައިގެން އޭނާގެ ސީވީ ރަނގަޅުކޮށްލަން. ގިނައިން މެޗު ކުޅެފިއްޔާ ބަލިވެސް ވެދާނެތާ. އެހެންވެ އޭނާ ބޭނުންނުވާތީވެ މެޗުތައް ނުކުޅެވެނީ. އޭނަ ކޮންމެހެން ބޭނުމެއްނުވޭ ސާފް ޗެމްޕިއަންޝިޕް އަންނަންވާއިރަށް މިތާ ހުންނަންވެސް. ކޮރެޔާއާއެކު ޑްރޯކުރިހެން ބޮޑު ބަޔަކާއެކު ޑްރޯއެއް ކޮށްލައިގެން އޭނާގެ ސީވީ ރަނގަޅުކޮށްލައިގެން އަވަހަށް ދާން އޭނާ އެހުރީ،" ނަން ހާމަ ކުރަން ނޭނދޭ އޮފިޝަލަކު ކިޔައިދިނެވެ.
ރާއްޖެ އަށް ތަށި ހޯދައިދިން ކޯޗު ޖޯސެފް ޔަންކޭ އާއި ކޮރެޔާ މެޗުގައި ހުރި ކޯޗު ޕޯޗުގަލްގެ މެނުއަލް ގޯމޭޒް ފިޔަވައި ދެން ގައުމީ ޓީމަށް އައި ކޮންމެ ކޯޗަކު ވެސް މަގާމުގައި ގިނަ ދުވަހު ހުންނަން ބޭނުންވި އެވެ. އޭގެ ތެރެއިން ކުޅުންތެރިން ބުނިހާ ގޮތެއް ހަދައިގެން ގައުމީ ޓީމުގައި ހުންނަން އުޅުނީ އެންމެ ފަހުން ހުރި ކޯޗު ހަންގޭރީގެ އިސްޓަވާން އުރުބާނީ އެވެ. އޭނާގެ ގޮތްގަނޑު މިހާރު ޕޮޕޯފް ވެސް ކޮޕީކޮށްފި އެވެ. އުރުބާނީ ހެދިހެން ކުޅުންތެރިންނާ ގުޅާލައިގެން އުޅުމާއި އެކިއެކި މޮޅު ބަހަނާ ދެއްކުން ޕޮޕޯފް ވެސް އާދައަކަށް ހަދައިފި އެވެ.
އެންމެ ފުރަތަމަ ވެސް އޭނާ ޓީމާ ހަވާލުވެ އިސްކަންދިނީ އޭނާ ދަންނަ ކުޅުންތެރިންނަށެވެ. ރާއްޖޭގެ ލީގު ބަލައި ދިރާސާކޮށްގެން ކުޅުންތެރިން ނަގާކަށް އޭނާ ވެސް ބޭނުމެއްނުވެ އެވެ. ކުލަބުތަކާ މަޝްވަރާކުރަން މީޓިން ބޭއްވިނަމަވެސް އެމީހުން ދައްކާ ވާހަކަތައް ވެސް އަޑެއްނާހަ އެވެ. ހުރިހާ ބަޔަކީ ކުޅުންތެރިންނެވެ. މީގެ ކުރިން ދެއްކީ ދަގަނޑޭ އާއި އިމްރާން އަދި ބަކާ ނެތި ކުޅެން ޖެހުމުން އުއްމީދެއްނެތް ވާހަކަތަކެކެވެ. އެމީހުންނާ ނުލައި ކުޅުނު ފުރަތަމަ މެޗުގައި ކޯޗާ ކުޅުންތެރިން މިވަނީ ޖެހިފަ އެވެ. ކޯޗު ކުޅުންތެރިން ގޯސްކުރިއިރު އޭނާގެ ޒިންމާއެއްނެތީ ހެއްޔެވެ؟ ހަގީގަތުގައި ކުޅުންތެރިން އެހާ ސޯޝަލް މީޑިޔާއާ ދޯޅުނަމަ އަދި އަންހެން ކުދިންނަށް ތިއްތި ދެއްކެން އުޅެން ހަދައިގެން ފަރުވާކުޑަކުރާނަމަ އެކަން ރަނގަޅު ކުރަން މީގެ ކުރިން ކޯޗު މަސައްކަތް ކުރަންޖެހޭނެ އެވެ. އެވާހަކަ ފަޅާލަންވީ ޓީމު ބަލިވީމަ، ތިމަންނަށް ސަލާމަތްވާކަށް ނޫނެވެ.
މާޒިޔާ އަށް މިހާރު ކޯޗުކޮށްދޭ ވިކްޓަރީގެ ކުރީގެ ކޯޗު އަލީ ސުޒޭން އޭނާގެ ޓުވިޓާގައި ބުނީ ހަމަތެދެކެވެ. ކޯޗުވިޔަސް އެހެން މީހަކުވިޔަސް ކުޅުންތެރިންނަށް އިހްތިރާމް ކުރަންވާނެ އެވެ. ބަލިވުމާއެކު ތިމާ ރެކިގަނެފައި ކުޅުންތެރިން ލަދުގަންނުވާލުމަކީ ބުއްދިވެރި އަދި ހެޔޮނިޔަތެއް އޮތް މީހަކު ކުރާނެ ކަމެއްނޫނެވެ. ޕޮޕޯފާއެކު ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން އަހަރުމެން ވިސްނާލަންޖެހެ އެވެ.