ހަބަރު

މި އަހަރަގެ ބަޖެޓުން ހާސިލު ވާނީ މަޝްރޫއުތަކުގެ 80 ޕަސެންޓް: އަސްލަމް

މި އަހަރުގެ ބަޖެޓުގައި ކަނޑައެޅިފައިވާ މަޝްރޫއުތަކުގެ 100 ޕަސެންޓް ހާސިލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އޭގެ ތެރެއިން ހާސިލު ކުރެވޭނެ ކަމަށް ލަފާ ކުރެއްވެނީ 80 ޕަސެންޓް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކުރީ، މަޑުއްވަރީގެ ބަނދަރުގެ މަޝްރޫއާ ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ސުވާލު ކުރައްވަން ބޭނުންފުޅުވެގެނެވެ. އެއަށް ފަހު މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ބައެއް ރަށްރަށުގެ މަޝްރޫއުތައް އަދިވެސް ފެށިފައި ނުވާތީ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަން ކުރަންޖެހޭ މަސައްކަތް މިނިސްޓްރީތަކުން ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުން މިހާތަނަށް ކޮންޓްރެކްޓުގައި ސޮއިކޮށްފައި ހުރި މަސައްކަތްތަކުގެ އަގު 600 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި އެކަނިވެސް ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރުގެ މަސައްކަތް ކުރުމަށް ބަޖެޓުގައި 563 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.

"ބަޖެޓުގައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ކަނޑައެޅީ ބޮޑު އަދަދުން ކަނޑައަޅާފައިވާ ހުރި މަޝްރޫއުތައް އަހަރުގެ ކުރީކޮޅު ފަށައި، ކުޑަ އަދަދުން ފައިސާ ކަނޑައެޅިފައިވާ މަޝްރޫއުތައް އަހަރުގެ ފަހުކޮޅުގައި ކުރުމަށް." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރި އަދަދުގެ ގާތްގަނޑަކަށް 75 ޕަސެންޓާ 80 ޕަސެންޓާ ދޭތެރޭގެ އަދަދަކަށް މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތުގެ ގޮތުގައި އަހަރުގެ ތެރޭގައި ހާސިލު ވާނެ ކަމަށް ލަފާ ކުރެވެނީ 80 ޕަސެންޓް، 100 ޕަސެންޓް ހާސިލުވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ، އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގައި އަސްލަމް މިއަދު ވިދާޅުވީ 2019 ވަނަ އަހަރުގެ ބަޖެޓްގައި ބަނދަރާ ގުޅޭ ގޮތުން 59 މަޝްރޫއެއް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރެއިން 19 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާއިރު، 22 މަޝްރޫއެއްގެ މަސައްކަތް ޓެންޑާގައިވާ ކަމަށެވެ. އަދި 18 މަޝްރޫއެއްގެ މަސައްކަތް ޓެންޑާ މަރުހަލާއަށް ފޮނުވުމަށް ތައްޔާރުގައިވާ ކަމަށެވެ.