ހަބަރު

މަޖިލީހުގެ މިދައުރު ހަފުތާއަކަށް ދިގު ކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކަންކަމާއި މަސައްކަތްތައް ނިންމަން މިހާރު ހިނގަމުންދާ ދައުރު ދިގު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް މަޖިލީހުގެ މި ހިނގާ ދައުރު ދިގު ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުން ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން އިސްލާހުކޮށް ފާސްކުރި ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު މި އޮގަސްޓް މަހުގެ ފަހު ދުވަހަށް ހަމަވާނެ އެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންނަށް ފެނިއްޖެނަމަ ދައުރު ދިގު ކުރުމުގެ ފުރުސަތު އޮވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އިތުރު ހަފުތާއަކަށް ދިގު ކުރަން މަޖިލީހުން ފާސް ކުރިއިރު، މަޖިލީހަށް ސަރުކާރުގެ ފަރާތުން ގިނަ ގަރާރުތަކަކާއި ބިލުތަކެއް ވަނީ ހުށަޙަޅައިފަ އެވެ.

މިހާރު ފާސްކުރި ގަވާއިދުގައިވާ ގޮތުން، ދެން އޮންނަ ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރުގެ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ކުރިން ވެސް އޮތް ގޮތަށް ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ.