ހަބަރު

އިތުރު ބަޖެޓެއް ހޯދަނީ ގާތް މީހުނަށް ބަދަލު ދީ ހުސްކުރަން: އިދިކޮޅު

މި އަހަރުގެ ދައުލަތުގެ ބަޖެޓަށްވުރެ އިތުރަށް ފައިސާ ހަރަދުވާނެ ކަމަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހޯދަން މަސައްކަތް ކުރަނީ، މި ސަރުކާރުގެ އިސް ފަރާތްތަކުގެ މަސްހަލަތު އޮތް ކުންފުނިތަކަށް ބަދަލުދީ ހުސްކުރަން ކަމަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓްގެ ބޮޑު ބައެއް ހޭދަވެގެން ދިޔައީ ދައުލަތުން ބަދަލު ދޭން ޖެހުނު ކުންފުނިތަކަށް ބަދަލު ދިނުމުގައި ކަމަށެވެ.

"ރައްޔިތުންނާ ގުޅުން ހުރި ކަމެއް ވެއްޖެނަމަ މި ސަރުކާރުން ހާދަ ވަރަކަށޭ ފިއްތަނީ. އެކަމަކު މި ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ ކުންފުނިތަކަށް ބަދަލު ދޭން ޖެހުނީމަ އަޅުގަނޑުމެންނަށް ފެންނަނީ ބަންޑާރަ ނައިބު އިސްވެ އެ މަސައްކަތުގައި އުޅެގެން ވީއެންމެ އަވަހަކަށް އެ ފައިސާ ހަރަދު ކުރަން އުޅޭ ތަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓްގެ 60 ޕަސެންޓް އޮތީ ދައުލަތް ހިންގުމަށެވެ. އެ ގޮތުން 225 މިލިއަން ރުފިޔާ ކަނޑައެޅީ ކޮންޓިންޖަންސީ ބަޖެޓަށް ކަމަށާއި އެ ފައިސާ ވެސް ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ވެސް ބަޔަކަށް ބަދަލު ދިނުމަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަނެއްކާވެސް ކޮންޓެންޖެންސީ ބަޖެޓުގައި ހުރި ފައިސާ ސަރުކާރުގެ ކޮންމެވެސް ބޭފުޅަކާ ގުޅުން ހުރި ކުންފުންޏަކަށް ބަދަލު ދީ ހުސްވަނީ. ބަދަލު ދެވިގެން ގޮސް ހޭދަކުރާ ފައިސާ އަރާނެ ކަމަށް ބެލެވެނީ އެއް ބިލިއަން ރުފިޔާ އަށް، މިހާރު ވެސް 570 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީ ހުސްކޮށްފި،" ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ކޮންޓިންޖަންސީ ބަޖެޓްގައި ހިމެނިފައިވާ އަދަދީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި އޭނާ ވެސް ގަބޫލު ކުރައްވަނީ އެހާ ބޮޑު އަދަދެއް ކޮންޓިންޖަންސީ ބަޖެޓްގައި ހިމެނީ މި ސަރުކާރު ފެށިގެން އައިތަނާ ގިނަ ކުންފުނިތަކަކަށް ބަދަލު ދޭން ޖެހުމުން އެ ކަމަށް ލަފާކޮށްފައި ކަމަށެވެ.

ބަޖެޓްގައި މަސްވެރިކަމަށް އެއްވެސް ފައިސާއެއް ހިމެނިފައި ނުވާތީ އެ ކަމަށް ވެސް ސައީދު ފާޑުވިދާޅުވި އެވެ. ސައީދު ވިދާޅުވީ މަސްވެރިންނަށް ކަންކަން ކުރުމަށް ހުށަހެޅި ގަރާރުތަކަށާއި ފަހުން ފޮނުވި ބިލުގައިވާ ކަންކަމަށް ވެސް ހަގީގީ ބުރަދަނެއްް އަންނަނީ މާލީ ބުރަދަނެއް ގެނައުމުން ކަމަށެވެ.

"އަޅުގަނޑު ހުށަހެޅުމުގެ ގޮތުގައި ހުށަހަޅަން ބޭނުން ކޮންޓިންޖަންސީ ބަޖެޓްގެ ގޮތުގައި 225 މިލިއަން ރުފިޔާގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން 100 މިލިއަން ރުފިޔާ ހިމަނަން. ބަލައިގަތް ގަރާރުތަކަށް ބުރަ ދަނެއް ލިބޭނީ މާލީ ގޮތުން ބުރަ ދަނެއް ދީގެން." ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓްގައި އާމްދަނީ ހޯދޭނެ އެއްވެސް އުފެއްދުންތެރި ގޮތެއް ނެތް ކަމަށެވެ. އޭގެ ތެރޭގައި ހަމައެކަނި އޮތީ ޓީބިލް ވިއްކައިގެން އާއި ހިލޭ އެހީގެ ފައިސާގެ އިތުރަށް ސްޓިކާ ޖަހައިގެން ހޯދި ފައިސާތަކެއް ކަމަށެވެ. ވަކިން ހާއްސަކޮށް ސްޓިކާ ޖަހައިގެން އާމްދަނީއެއް ހޯދުމަކީ އިގްތިސާދަށް އެއްވެސް ކަހަލަ ކުރިއެރުމެއް އޮތް ކަމަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމާއި ސައީދު ދެއްކެވި ވާހަކަތަކަށް މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ރައްދު ދެއްވި އެވެ. އެ ގޮތުން ގިނަ މެންބަރުން ވިދާޅުވީ މި ސަރުކާރަށް ބައެއް ކުންފުނިތަކަށް ބަދަލު ދޭން ޖެހުނީ ކުރީ ސަރުކާރުގައި އެއްބަސްވުންތަކާ ހިލާފަށް އަމަލުތައް ކޮށްފައި އޮތުމުގެ ސަބަބުންނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ކަމަށް ވެސް އެދެވޭ ހައްލެއް ހޯދާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.