ކޮންގްރެސް ޕާޓީ އާއީ ޕީޕީއެމަކީ ފިކުރެއްގެ މައްޗަށް ބިނާ ވެގެން ހިނގާ ދެ ޕާޓީ ކަމަށާއި އެ ފިކުރު ކުރިއަރުވާނެ މީހުން އަބަދުވެސް ތިބޭނެ ކަމަށް ކޮންގްރެސްގެ ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ އަރިސް ސިޔާސީ އެކުވެރިހާ އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިވަގުތު މޭލޭޝިއާގައި ހުންނެވި އަބްދުއްރަހީމް އެހެން ވިދާޅުވި އިރު އެ ދެ ޕާޓީއަށް ނިސްބަތްވާ އަދި ރައީސް ޔާމީންގެ އަރިސް އިސް ލީޑަރުންތަކެއް ރޭ ވަނީ ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީއަށް ބަދަލުވެފަ އެވެ.
އަބްދުއް ރަހީމް ވިދާޅުވީ ކޮންގްރެސް އާއި ޕީޕީއެމަކީ ސިޔާސީ ވަކި ދެ ޕާޓީއަށް ވިޔަސް އެއީ ތަރައްގީ އާއި ކުރި އެރުވުން އާރަސްތު ކުރާ ފިކުރެއް އޮތް ދެ ޕާޓީ ކަމަށާއި އަމިއްލަ މަސްލަހަތަށްވުރެ އެ ދެ ޕާޓީން އަބަދުވެސް ގައުމީ މަސްލަހަތު އިސްކުރާނެ ކަމަށާއި އެ ފިކުރު އިސް ކުރާނެ ކަމަށެވެ.
"މި ފިކުރު ކުރި އަރުވާނެ ބަޔަކު އަަބަދުވެސް ތިބޭނެ. އެކަން ކުރަން އެކި އިރު ތިބޭބނީ އެކި މީހުން،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާ ވަކިވެ ޖުމްހޫރީ ޕާޓީއަށް ބަދަލުވާ ލިސްޓުގައި އަބްދުއް ރަހީމް ވެސް އިއްޔެއިން ފެށިގެން ދައުރުވި އެވެ. ނަމަވެސް އަބްދުއް ރަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށާއި، އެމަނިކުފާނު ދޫކުރައްވައި އެހެން ޕާޓީއަކަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.