ހަބަރު

އިންފޮމޭޝަން ކޮމިޝަނަރަކަށް ފޮނުވި ނަންތަކަށް އާންމުންގެ ހިޔާލު ހޯދަނީ

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ނަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

މަޖިލީހުން މިއަދު ބުނި ގޮތުގައި، އިންފޮމޭޝަން ކޮމިޝަނަރުގެ މާގަމަށް އައްޔަން ކުރުމަށް ރައީސް ސޯލިހް ފޮނުއްވި ނަންތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ، އަންނަ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ފޮނުވޭނެ އެވެ. އަދި މަޖިލީިހުގެ މެއިލް އެޑްރެސްއަށް މެއިލް ކޮށްގެން ވެސް އެކަން ހުށަހެޅޭނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ މަގާމުގެ ދައުރު މިދިޔަ މަހު ހަވަމުންނެވެ.

މަޖިލީހަށް ފޮނުވި ނަންތައް

  • ހުސައިން ފިޔާޒް މޫސާ، އަތަމާގެ، ތ. ވިލުފުށި
  • އަހުމަދު ފަޔާޒު ހަސަން، މ. ހަޒާރީވިލާ
  • އަހުމަދު އާހިދް ރަޝީދު، ހ. ގްރޫއަ
  • ފާތިމަތު ސައުޝަން، މ. ވެންކޫވަ

އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ އޮފީހެކެވެ. އެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވާލުމެވެ.