ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރަނިލް ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހަގެ އިތުރުން ހަތަރު ކެބިނެޓް މިނިސްޓަރުން ހިމެނޭ އިސް ވަފުދެއް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ލަންކާގެ ބޮޑު ވަޒީރަށް މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދޭން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދަވަން ހުޅުވާލެއްވި އެވެ.
އެގޮތުން ހުޅުވާލެއްވި ފުރުސަތުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ ލަންކާއަކީ ރާއްޖެއަށް އެންމެ މުހިންމު ގައުމުކަން ފާހަގަ ކުރައްވައި، އެ ފުރުސަތު ރަނިލްއަށް ދިނުމަށް ތާއިދު ކުރައްވާފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ޖުމްލަ ގޮތެއްގައި ހުރިހާ ޕާޓީތަކުން ވެސް އެކަމަށް ތާއިދު ކުރައްވާކަން ހާމަކުރި އެވެ.
މިރޭ މިކަމާ ގުޅޭ ވޯޓު ވެސް ނެގުމަށް ވަނީ ނިންމާފަ އެވެ.
މީގެކުރިން މިހާރު ހިންގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތަގުރީރު ކުރައްވާފަައިވެ އެވެ. އަދި މިފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ތަގުރީރު ކުރައްވާފައިވެ އެވެ. މިއީ ބޭރުގެ އިއްޒަތްތެރިންނަށް އެރުވޭ އެންމެ މަތީ ޝަރަފެވެ. މީގެކުރީ މަޖިލިސްތަކުގައި މި ފުރުސަތު ދީފައިވަނީ ވަރަށް މަދު ބޭފުޅަކަށެވެ.