ވާހަކަ

ބަސްނާހާ ކުއްޖާ

"ކުޑަކުއްޖަކާމެދު ބަދު އަޚުލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ޓީޗަރު ދޫކޮށްލައިފި"

އޮފީހަށް އައިސް ޝަހުމާ އާދައިގެ މަތިން އޭނާއަށް ޚާއްސަކުރެވިފައިވާ ތަނުގައި އިށީނދެލަމުން އެކި އޮންލައިން ނޫސްތަކަށްވަދެ ޚަބަރުތައް ކިޔަމުން ދަނިކޮށް ލޮލުގައި އަޅައިގަތް ސުރުޚީ އިން ޝަހުމާގެ މޫޑު ޚަރާބުވިއެވެ. އެއަރކޯނުގެ ފިނިން ތަނަށް ވެރިކުރުވާފައިވާ ފިނީގެ ތެރެއިންވެސް އޮއްދާ ހިއްލާލިއެވެ. އޭނާގެ ހަށިގަނޑުގައި އަޅަންފެށި މަޑުމަޑު ތުރުތުރާއެކު ކޮންޕިއުޓަރު ނިއްވާލަމުން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.

"ކުޑަ ކުއްޖަކާމެދު...ހައްޔަރުކުރެވުނު...ޓީޗަރު... ދޫކޮށްލައިފި" ހިތާމަވެރި ހުވަފެނެއްގެ ތެރޭގައިއޮވެ، ވާހަކަ ދައްކާ މީހަކު ފަދައިން އެއްވެސް އިހުސާސެއްނެތި، ގަބުވެފައި އިނދެ ޝަހުމާއަށް އެ ސުރުޚީގެ ތަންކޮޅުކޮޅު ވަކިވަކިން ދެތިންފަހަރު ކިޔާ ލެވުނެވެ. އެފަދަ އަނިޔާއެއްގެ ޝިކާރައަކަށް ވެފައިނުވާ މީހަކަށް އެލަފުޒުތައް ކިޔާލަން ކިތައްމެ ފަސޭހަޔަސް، އެއަނިޔާގެ ވޭން ސީދާގޮތުންނާއި ނުސީދާގޮތުން ތަހައްމަލް ކުރަންޖެހިފައިވާ ހަމަ ކޮންމެ މީހަކަށްވެސް އެލަފުޒުތައް ވާނީ ބޮޑު ބުރަޔަކަށެވެ. ޝަހުމާއަށްވެސް ވީއެހެންނެވެ.

ހަރުކަށި ޤައިދަކުން ޤަޢިދުކުރަންޖެހޭ އެފަދަ ބޮޑުކުށްވެރިއަކު ދޫކޮށްލަން ކިތައްމެ ފަސޭހަޔަސް އެއަނިޔާއާ ކުރިމަތިވެފައިވާ ހަމަކޮންމެ މީހަކަށްމެ، އެހަނދަންތަކާ ދުރުވުމަށް މުޅި ޢުމުރުވެސް އޮންނަނީ މަދުވެފައެވެ. ކުށަކީ އެކުށެއްގައި މުޅި ޖީލް ހަލާކުކޮށްލާފަދަ ނުރައްކާތެރި ކަމެއް އެކުލެވިފައިވާ ކުށަކަށްވާތީއެވެ.

ޝަހުމާގެ "ދިރުމެއްނުވާ" ޙަޔާތުގައި ޖެހުނު ނުފިލާފަދަ ލައްގަނޑާ އެސުރުޚީވަނީ ގުޅި ލާމެހިފައެވެ. މަޖުބޫރީއެއްގެ ތެރެއިން އަދާކުރަންޖެހޭ ވަޒީފާގެ ބުރަ މަސްޢޫލިއްޔަތާ އެކު، އެހަނދާންތަކާ ވަކިވުމަށް އޭނާ ކުރަމުންދާ މަސައްކަތް ނާކާމިޔާބުވަނީ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ޚަބަރުތަކުގެ ސުރުޚީތައް ފުރަމުންދާ މިފަދަ ރަޙުމްކުޑަ ޢަމަލުތަކުގެ ވާހަކައިންނެވެ. އެ ފަދަ ކޮންމެ ޚަބަރަކާއެކު އޭނާގެ އަމިއްލަ ނަފުސަށް، ކުށްވެރި ބަސްތައް ރައްދުކޮށް ހިތާ ހިތުން އެނަފުސަށް ލައުނަތް ދިނުމަކީ އޭނާގެ އާދައެކެވެ.

*** *** ***

އެއީ މީގެ ފަސް އަހަރުކުރިއެވެ. ޝަހުމާ އާއި އޭނާގެ ފިރިމީހާ ނަސީމްގެ ކުޑަކުޑަ ދުނިޔެ ފަޅުފިލުވައި ދިނީ އެމީހުންގެ ހަޔާތަށް އިތުރުވެގެން އައި ތުއްތު އައިދީން އެވެ. އައިދީން ޝަހުމާގެ ބަނޑުގައި ގަރުބަ ގަތީންސުރެ ޝަހުމާގެ ހިތުގައި އެތައް ހުވަފެންތަކެއްގެ ކުރެހުންވަނީ އަޅާއި ނިންމާފައެވެ. އައިދީން ދުނިޔެއަށް ބޭރުކޮށްލި ފުރަތަމަ ނޭވާއާއެކު އެކުރެހުންތަކުގައި ރީތި ކުލަތަކެއްޖައްސައި، ބައްޓަން ހެޔޮ ފުރިހަމަ ތަސްވީރަކަށް އެކުރެހުންތައް ހެދުމަށް އޭނާ ވަރަށްވެސް ފޮނި އުއްމީދެއްކުރިއެވެ. ދަރިންނަކީ މާތްﷲ ދެއްވާ ވަރަށް މަތިވެރި ނިޢުމަތެކެވެ. އެ ނިޢުމަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ތުއްތު އިރު ދަރިފުޅު ތަރުބިއްޔަތު ކުރަންފެށިގެންނެވެ. ކުޑަކުދިންނަކީ ފުށްގަނޑެއް ފަދަ ބައެކެވެ. ބޭނުންވާ ބައްޓަކަމަށް ފެއްތެއެވެ.

ޝަހުމާއަކީ ޢުމުރުން 19 އަހަރުގައި މަންމަ އަކަށްވި ޒުވާން މަންމައަކަށް ވާތީ، ދަރިން ތަރުބިއްޔަތުކުރާގޮތް އަހައި އޮޅުންފިލުވަނީ، އަމިއްލަ މައިންބަފައިންނާއި ނަސީމުގެ މައިންބަފައިންގެ ގާތުންނެވެ. އެޒަމާނުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ އުކުޅުތައް މިޒަމާނާ ވަރަށް ތަފާތެވެ. މަންމަމެންގެ ދަޢުވާއަކީ މިޒަމާނުގައި ދަރިން ނުބައި މަގު އިޚުތިޔާރު ކުރުމުގެ އެންމެ ބޮޑު އަސްލަކީ ދަރިންކުރާ ނުބައިކަންތަކަށް ތަދު އިޙުސާސްކުރެވޭ ކަހަލަ އަދަބު ނުދިނުމެވެ. ޝަހުމާ ވިސްނީ އެއާ އިދިކޮޅަށެވެ. ދަރިންކުރާ ނުބައިކަންތައް އެކުދިންނަށް އަނިޔާދީގެން އިހުސާސްކޮށް ނުދެވޭނެކަމެވެ. އަނިޔާ ލިބޭނަމަ، އެކުދިންނަށް ދަސްކޮށްދެވެނީ އަނިޔާވެރިވުމަށްކަމެވެ.

އައިދީންގެ ޢުމުރުން 3 އަހަރުވީއިރު، އެ ޢުމުރުގެ އެހެން ކުދިންނަށްވުރެ އައިދީންއަކީ ޙަރަކާތްތެރިކުއްޖެކެވެ. އެއް ޢުމުރުގެ ކުދިންނާއެކު އުޅެން ބޭނުންނުވާ އެކަހެރިކަމަށް ލޯބި ކުރި ފަސޭހައިން މޫޑު ބަދަލުވާ ކުއްޖެކެވެ. އައިދީންގެ މިޒާޖު ހަލަބޮލިވާން ޖެހުނު ސަބަބަކީ ޝަހުމާ އެދަރިފުޅު ބެލެހެއްޓިގޮތް ކަމުގައި، ޝަހުމާގެ މަންމަ އާއި މައިދައިތަވެސް ތުހުމަތުކުރިއެވެ. އެންމެ ފަހުން އެބުނުންތަކާ ދިމާއަށް ޝަހުމާގެ ޒުވާން ސިކުނޑިވެސް އަނބުރާލުމަށް މަޖުބޫރުވީއެވެ. އެތުއްތު ދަރިފުޅުގެ "ބަސްނޭހުންތަކަށް" ފުރަތަމަ ދިން ރައްދު ކިތައްމެ "ލުއި" ނަމަވެސް، އެލުއިކަން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބުރަހެލިވަމުންނެވެ. އެއާއެކު އައިދީންގެ ތުއްތު ހިތުގައި، ޝަހުމާއާ ދޭތެރޭ އުފެދެމުންދިޔަ ބިރުވެރިކަމާއެކު އައިދީން ދިޔައީ މައިވަންތަ ލޯތްބާ ފެޔަށްޖެހެމުންނެވެ. ދުވެ ކުޅުމުގެ މަތިން ހިތްކެނޑި ކުއްލިއަކަށް މަޑުމައިތިރި ބަސްމަދު ކުއްޖަކަށް އައިދީން ބަދަލުވާންފެށިއެވެ.

މަންމަމެން ދަރިން ބެލެހެއްޓުމުގެ އުކުޅު "މޮޅު" ކަމަށް ޝަހުމާ އެހިސާބުން ކަނޑައެޅިއެވެ. ބޮޑެތި މީހުން ބުނާގޮތަށް ނަހަދާ "ބަސްނާހާ ކުދިން " ކާން އަންނަ ކަމަށްބުނާ ފުރޭތަ ތަކުގެ ވާހަކައިންފެށިގެން ވަލު ޖަނަވާރުތަކުގެ ވާހަކައަށްދާންދެން ޝަހުމާ އެދަރިފުޅަށް ކިޔައިދިނެވެ. ތުއްތު އިރު ކުޅުމާ ދުވުމުގެ ތެރެއިން ތުއްތު ދަރިފުޅު އިހުސާސްކުރާ މިނިވަންކަން މުޅިން ނަގާލައި، ކޮށްޓެއްގައި ބަންދުކުރެވުނު ރީތި ދޫންޏެއްފަދައިން އައިދީންވެސް ޝަހުމާ ޤަބޫލުކުރި ބައްޓަމަށް ނިކަން ރަނގަޅަށް ފައްތާލިއެވެ. ތަރުބިއްޔަތުކުރުމުގެ ނަމުގައެވެ.

ދުވަސްތައް މާޒީވަމުންދިޔަ ވަރަކަށް، ގޭތެރޭގެ ތަރުބަވީ ބައްޓަންކުރުންތަކާއެކު، ކުޑަ ކުޑަ އައިދީން ވެސް ދިޔައީ ބޮޑުވަމުންނެވެ. ކަންކަން ހާމަކުރަން ޖެހިލުންވާ ކުއްޖެއްގެ ގޮތުގެއެވެ. ތުއްތުކުދިން އެންމެ ގަޔާވާ ސުކޫލު މާހަވްލުގައިވެސް އައިދީންގެ އަޅާލުންތެރިކަން ކުޑައެވެ. ކިޔަވައިދެއްވި ޓީޗަރު ވެސް އައިދީން ގިންތިކުރީ، ކުދިންނާ އެންމެ ތޮޅޭ "ބަސްނާހާ ކުއްޖާ" ގެ ގޮތުގައެވެ.

*** *** ***

" އައިދީން އެއޮއްގެން ސުކޫލަށް ދާ ގަޑިޖެހެނީ، އަވަސްކޮށްބަލަ" ފެންވަރައިގެން ނުކުމެ އުނަގަނޑުން ތިރިއަށްވާގޮތަށް ތުވާލި އޮޅާލައިގެން ޓީވީއިން ދައްކަމުންދިޔަ ކާޓޫނަށް ގެއްލިފައި އިން 7 އަހަރުގެ އައިދީންގެ ގައިގައި ހިފާ ތަޅުވައިގަންނަމުން ކަރު ބުޑުން އަޑު ނެރޭގޮތަށް ހަޅޭލަވައި ގަންނަމުން ޝަހުމާ ބުނެލިއެވެ. އެއަޑު އިވުނުކަމަށްވެސް ނުހަދައި އައިދީން ހަމަ އެއިންގޮތަށް އިނެވެ.

"އައްދޯއި މަންމީ..." ކައިރިގައި ބާވާފައި އޮތް ބެލްޓުނަގާ އައިދީންގެ ބުރަކަށީގައި ޖެހުމާއެކު ރޮއިގަންނަމުން އައިދީން ކޮޅަށް ތެދުވިއެވެ.

" މި ހާދަ ބަސްނާހާ ކުއްޖާ ގަނޑެކޭ. ބުނާގޮތް ނުހަދަންޏާ ކުނި ގޮނޑަށް އެއްލާލާނީ..." އައިދީންގެ ކަންފަތުގައި ހިފާ އަނބުރާލަމުން ޝަހުމާ ބުނެލިއެވެ.

"ނުދާނަން މިއަދު ސުކޫލަކަށް...... ސުކޫލަށް ދިޔައީމަ އެމީހާވެސް ތިގޮތަށް އައިދީންގައިގަ ޖަހާފަ، އައިދީން މަރާލަ ފާނެ.... " އައިދީންގެ އެ ޖުމްލައާއެކު ޝަހުމާއަށް ހުއްޓުން އެރިއެވެ. އަމިއްލައަށް އަމިއްލަ ދަރިފުޅަށް އަނިޔާވެރި ވެވުނަސް، އެހެން މީހަކު އަމިއްލަ ދަރިފުޅަށް ކުރާ އަނިޔާގެ ވާހަކަ އަޑުއަހަން ކޮންމެ މަންމައަކަށްވެސް ނިކަން އުނދަގުލެވެ.

"ކަ... ކާކު ދަރިފުޅު ގައިގައި ތަޅަނީ؟ " ހިމޭނަކަމާއެކު އައިދީން ނަގައި އުނގުގައި ބައިންދަމުން ޝަހުމާއަށް އެހުނެވެ. އެސުވާލާއެކު އައިދީން ސިހިފައި ބުނެވުނު އެތީގެ ބޮޑުކަން އިހުސާސްވެ ޖެހިލުންވާ ފަދަ ގޮތަކަށް ބޯހޫރާލިއެވެ. "އެއްވެސް ކަމެއްނުވެއޭ" ބުނާ ކަހަލަ ގޮތަކަށެވެ.

"ކާކު ތަޅަނީ ދަރިފުޅުގައިގަ؟" ލޯބިން އައިދީން މެއާލާ ބޮނޑިކޮށްލަމުން މަޑުމަޑުން ޝަހުމާއަށް ތަކުރާރުކޮށް އެސުވާލުކޮށްލެވުނެވެ. އެއިރު ރޯމަހެއ ްތެޅޭހެން ޝަހުމާގެ ހިތް މޭގެތެރޭ އޮވެ ތެޅި ފޮޅެމުންދެއެވެ.

"މެ..މެތްސް ޓީޗަރ... މަންމީ އެއީ ވަރަށް ގޯސް ޓިޗަރ އެއް... އައިދީންއަށް ކޮންމެ ދުވަހަކު ތަދުކުރަނީ... ޓޮއިލެޓްއަށްވެސް ދާކަށް ނުކެރޭ އައިދީން އަކަށް" އެ މައުސޫމް ދަރިފުޅު ތަހައްމަލްކުރަމުންދާ ކަންތަކުގެ ބޮޑުކަން އިހުސާސްކުރެވި ޝަހުމާއަށް ރޮއިގަނެވުނެވެ.

ހިތްފަޅައިގެންގޮސް ހުރިހާ އުއްމީދެއްފެނަށްވެ ހާވިޔާވެފައިވާ މީހަކު ފަދައިންނެވެ. ޝަހުމާ ރޮނީ ކީއްވެކަން ނޭނގި ހައިރާންވެފައި އައިދީން ބަލަހައްޓައިގެން އިނެވެ.

" ދަރިފުޅު ކީއްވެ.... މަންމި ކައިރީ ނުބުނީ.... " ގަދަކަމުން ރުއިން ހުއްޓަލުމަށްފަހު ކަރުނަތައް ފޮހެމުން ޝަހުމާ ސުވާލުކުރިއެވެ.

"މަންމި ބުނީމެއްނު ބޮޑެތި މީހުން ބުނާގޮތް ހަދަންވާނެއޭ، އެހެންނޫނީ ފުރޭތަ އައިސް އައިދިން ކާލާނެއޭ..." ހެދުނު ގޯސްތަކާމެދު ދެވުނު އިންޒާރުގެ ރަނގަބީލެއް ފަދައިން ކުޑަ ކުޑަ އައިދީންގެ އެޖުމްލަ ޝަހުމާގެ ހިތުގައި ނިކަން ރަނގަޅަށް ވަކި ހިއްޕާލިއެވެ.

އެދުވަހު އައި ރުޅިން އައިދީންގެ އަތުގައި ހިފައިގެންގޮސް ސުކޫލުގެ ޕްރިންސިޕަލްއަށް އެޓީޗަރާ ގުޅޭ ގޮތުން ޝަހުމާ ޝަކުވާކުރިއެވެ. އެ ޝަކުވާއާއެކު ޕްރިންސިޕަލްގެ ދެލޯބޮޑުވެ، ހަމަ ދެންމެ ދެންމެ އެ ޓީޗަރުގެ އެއަމަލާމެދު ޙުކުމް އިއްވާ މަޙުކަމަކު ފަދައިން ޓީޗަރު އެތަނަށް ޙާޒިރުކޮށް ސުކޫލުން ވަކިކުރުމުގެ އިންޒާރު ދިނެވެ. އަދި ހަމައެހާމެ ފަސޭހަ ކަމާއެކު އޮންނަ އުސޫލުތަކުގެ ތެރެއިން އެޓީޗަރާމެދު ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަންވެސް ޕްރިންސިޕަލް ދިނެވެ. އައިދީންއަށް އެސުކޫލުން ހާއްސަ ރައްކާތެރި ކަމެއް ދެވޭނެ ކަމުގެ ވައުދާއިވެސް އެކުގައެވެ. އެ ޝަކުވާ ޕްރިންސިޕަލްއާ ހަމައިން ހުއްޓަނުލައި ޝަހުމާމެން ފުލުހުންނާ ހަމައަށްވެސް މައްސަލަ ގެން ދިޔައެވެ. އެޓީޗަރު ހައްޔަރު ކުރެވުނު ނަމަވެސް ހެދި މެޑިކަލް ރިޕޯޓްތަކުން އައިދީންއަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށްދެއްކީތީ، ހިދިގެންދާ ބޮޑު ރާޅެއްފަދައިން އެމައްސަލަވެސް ހިނދި ކަރުދާހުގެ ފައިލެއްތެރޭ އެޖަރީމާވެސް ޤައިދުވީއެވެ. އައިދީންގެ ތުއްތު ސިކުނޑިއަށް އެރި ނަފުސާނީ ލޮޅުމަށް ބަލައިވެސް ނުލެވިއެވެ.

ޝަހުމާ އާއި ނަސީމް ވެސް ބޭނުންވީ އައިދީންގެ ސުކޫލު ބަދަލު ކުރާށެވެ. ނަމަވެސް ޖާގައަށްވުރެ ސުކޫލުތަކުގައި ކިޔަވާ ކުދިން އިތުރު ތަނެއްގައި އެފަދަ ފުރުސަތެއް ލިބޭނީ ކިހިނަކުންހެއްޔެވެ؟

މަޖުބޫރީގެ "ހިން ދިރުވަމުން" ހަދާނެގޮތެއްނެތިގެން އެންމެފަހުން ހަމަ އެސުކޫލުގައި އައިދީން ބެހެއްޓިއެވެ. ސުކޫލުން ވަކި ކުރުމުން ތަޢުލީމަށް ފަހިވެފައިވާ މަގު ބަންދުވެދާނެ ކަމުގެ ބިރަށް އެއަހަރު ނިމެންދެން އައިދީން އެސުކޫލުގައި ބަހައްޓަން ޝަހުމާމެން ނިންމި ނިންމުމަކީ މުޅި ޙަޔާތުގައިވެސް އެމީހުނަށް ހެދުނު އެންމެ ބޮޑު ގޯހެވެ.

އަލިފާނުގެ ހޫނުކަން ރަނގަޅަށް ތަޞައްވަރުވެސް ކޮށްލަން ނޭނގޭ އެ ޢުމުރުގައި އެއްދުވަހަކު ހަމަ ކުއްލި ގޮތަކަށް އައިދީންގެ ތުއްތު ފުރާނަ އަމިއްލައަށް ޤުރުބާންކުރީއެވެ. ބްލީޗް ފުޅިއެއްގެ ތޫނު ޒަޚަރުގެ ކޯވަރަކުންނެވެ.

ޝަހުމާގެ މުޅި ހަޔާތް ބަދަލުވެ، ނަސީމްގެ ހިތަށް އެރި ލޮޅުމާއެކު، ހަށިގަނޑުގެ އެއްފަޅިވާވެ، ބަލި އެނދުގައި އޮށޯނަން މަޖުބޫރުވީއެވެ.

*** *** *

"ޝަހޫ... ކިހިނެތްވެފަ..." ޝަހުމާގެ މޫނުގެ ކުރިމަތީގައި، ޒިދުނާ ޖެހި ފުށްޓަތްކާއެކު، ލިބުނު ސިހުމުން ތެމިފޯވެފައިވާ ކަރުނަތަށް ދެއަތުން ފޮރުވާލަމުން ޝަހުމާ އިން ގޮނޑިންތެދުވެ އަލުން ކޮންޕިއުޓަރ ހުޅުވާލިއެވެ. ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅަކީ އަލުން ބަލުން އަނބުރާ އިޢާދަ ކުރެވޭނެ ހިނދުކޮޅެއް ނަމައޭ ޝަހުމާގެ ހިތަށް އެރިއެވެ. ދިމާވި ހުރިހާ ކަމެއް ދިމާވީވެސް ޚުދު އޭނާގެ ކުށުން ކަމުގައި އޭނާ އަމިއްލައަށް ޤަބޫލުކުރިއެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުގައި މި ޒަމާނުގެ މައިންބަފައިން ނާކާމިޔާބުވުމާ، އެކުދިންގެ ކުށް އިހުސާސް ކުރުވުމުގައި ދަރިންނަށް އަދަބު ނުދިނުމާ ގުޅުވައިގެން ދެއްކެނީ ހަމަ އެއްވެސް މާނައެއް ނެތް ވާހަކަތަކެއް ކަމުގައި ޝަހުމާ ޤަބޫލުކުރިއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. މިއީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ދަރިންގެ ދިރި އުޅުމުގެ އުސްލޫބުތައް ތަފާތުވެ މުޅިން ބަދަލުވެފައިވާ ޒަމާނެކެވެ. ކުދިން ކަންތައްތައް ދަސްކުރަނީ ފެންނަ މަންޒަރުތަކުންނެވެ. ލިބޭ އަނިޔާތަކަކުން ނެއްނޫނެވެ. (ނިމުނީ)