ހަބަރު

މަސްތުވާތަކެއްޗާއެކު މަލް ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ހައްޔަރުކޮށްފި އެވެ.

މަލް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އދ. މާމިގިލިންނެވެ.

މި މައްސަލާގައި ފުލުހުން ބުނީ މާމިގިލިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ 23 އަހަރުގެ ދިވެހި ދެ އަންހެނުންނެވެ. އެ ދެ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ދެ އަންހެނުންގެ ތެރެއިން އެކަކީ މަލް އެވެ.

ފުލުހުން ބުނި ގޮތުގައިި އެ ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހަވީރު ކަމަށެވެ.

މާމިގިލީ ބަންދަރު ސަރަހައްދުން މި ދެ އަންހެނުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި މައްސަލަ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.