ހަބަރު

ނުކުޅެދޭ މީހުންގެ ހުނަރު ފަންނު އެކްސްޕޯއަށް

Aug 29, 2019

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާން ހަރަކާތްތެރިވާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީ (އެމްއޭޕީޑީ) އިން ފަންނު އެކްސްޕޯ އަށް ތައްޔާރު ވާން ފަށައިފި އެވެ.

އެމްއޭޕީޑީގެ ޗެއާޕާސަން އަހުމަދު މުހައްމަދު ވިދާޅުވީ އެ ޖަމިއްޔާގެ މެންބަރުންގެ ހުނަރު ފަންނު އެކްސްޕޯގައި ފެނިގެންދާނެ ކަމަށެވެ.

"ވަރަށް ބޮޑަށް ތައްޔާރު ވަމުން އެބަ ގެންދޭ ކުދިން. އުންމީދު ކުރަނީ ރަނގަޅު ހުނަރު ތަކެއް ފެނިގެންދާނެ ކަމަށް،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޖަމިއްޔާގެ މެންބަރުންގެ ތެރޭގައިވެސް ފެހުމާއި މިފަދަ ހުނަރުތައް ހުރި މީހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މީގެ ކުރިން ބޭއްވި މައުރަޒުތަކުގައިވެސް ބައިވެރިވެފައިވާނެ. އުންމީދު ކުރެވެނީ މި ފެއާގައިވެސް ރަނގަޅު އުފެއްދުންތަކެއް ދައްކާލަން،" އަހުމަދު ވިދާޅުވި އެވެ.

ދަރުބާރުގޭގައި ނޮވެމްބަރު މަހު އޮންނަ ފަންނު އެކްސްޕޯގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެއް ހަމަޖައްސާފައިވެ އެވެ.

ފަންނު އެކްސްޕޯގައި ބައިވެރިވުމަށް ފޯމް ހުށެހެޅުމުގެ ސުންގަނޑިއަކީ ސެޕްޓެމްބަރު 30 އެވެ. ޖުމްލަ 77 ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މިއީ ތަފާތު އެކި އެކި ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބިގެންދާނެ ފުރުސަތެކެވެ. ފަންނު އެކްސްޕޯ ބާއްވަނީ 22 އިން 28 ނޮވެމްބަރަށެވެ.